މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ފުރަތަމަ ސޮއި ކުރެއްވީ ރައީސް ނަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ގަރާރުގައި ފުރަތަމަ ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަން ކަށަވަރުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވިއިރު، ފައްޔާޒަކީ އެމްޑީޕީގެ ސީނިއާ މެންބަރެކެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް ވަޒީރުންގެ ތެރޭގައި ފައްޔާޒު ހިމެނިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮޔެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ފައްޔާޒު މިނިސްޓަރު ކަމުން ވަކިކުރުމަށްޓަކައި، ރައްޔިންތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުމަށް، ދަނީ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވެފައިވާ ގޮތުގައި، މި ލިސްޓުގެ އެންމެ ކުރީގައި ސޮއިކުރެއްވީ ރައީސް ނަޝީދެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުން ނަން ނުޖެހުމަށް ޝަރުތުކޮށް، “ސަން”އަށް ވިދާޅުވީ، ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށީވެސް ރައީސް ނަޝީދުގެ އިސްނެގުމަކަށެވެ. ނަމަވެސް ފައްޔާޒު މަގާމުން ދުރުކުރަން އުޅެނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީ ތެރެއިން ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މިހާ ލަސްވީ ބޭނުންވާ އަދަދަށް ސޮއި ހަމަނުވުމުންނެވެ.

“މިހާރު ކޮންމެވެސް ވަރަކަށް ސޮއި ލިބިފައިވާ ކަމަށް މައުލޫމާތު ލިބޭ. އެހެން ނަމަވެސް ބޭނުންވާ އަދަދަށް އަދި ހަމަވި ކަމެއް ޔަގީނެއް ނޫން،” އެމްޑީޕީ މެމްބަރަކު ވިދާޅުވި އެވެ.

އޭނާ ވެސް ތުހުމަތު ކުރެއްވި ގޮތުގައި އެކަމަކީ، ޕާޓީގެ އިސް ފަރާތްތަކެއް ފަހަތުގައި ތިބެގެން ކުރާ ކެމެކެވެ.

އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި، މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ އަދަދަށް މިހާރު ސޮއި ލިބިފައިވާ ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

ރައީސް ނަޝީދު އިސްވެ ލިސްޓުގައި ސޮއި ކުރި އިރު، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށް ބުނެ އޭނާގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވީ، ފައްޔާޒަކީ، ގާބިލު ބޭފުޅެއް ކަމަށާއި، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިހާތަނަށް ފައްޔާޒުގެ ދިފާއުގައި ވާހަކަ ދެއްކެވި މެމްބަރުން:

  • ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
  • ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒު
  • ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
  • އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު
  • އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް

މި ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ފައްޔާޒާ ދެކޮޅަށް މައްސަލަ ވައްދަނީ، ކޮން ސަބަބަކާ ހުރެ ކަމެއް އަދި ޔަގީނެއް ނޫނެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. އެ ޕާޓީއަތުގައި ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި ކޮންމެވެސް ވަރެއްގެ ބައިބައިވުންތަކެއް އޮވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ