އިކޮނިމިކް މިނިސްޓަރ ވަކިކުރުމަކީ އިގްތިސާދަށް ފައިދާހުރި ގޮތެއް ނޫން: ޓްރޭޑް ޔޫނިއަން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލާފައިވާ މި ނާޒުކު ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން ދުރުކުރުމަކީ ގައުމުގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފި އެވެ.

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް، އެމްޑީޕީގެ މެމްބަރުން ވަނީ މަސައްކަތް ފަށައިފަ އެވެ.

އެކަމާ ގުޅިގެން ޓްރޭޑް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދަނޑިވަޅުގައި ފައްޔާޒް ވަކިކުރުމުން އިގްތިސާދަށް ނޭދެވޭ އަސަރު ކުރުމުގެ އިތުރުން އިންވެސްޓަރުން ރާއްޖެއާ މެދު އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ މިސްރާބު މި ވަގުތު ހުރީ ރަނގަޅަށް ކަމަށް އެ ޔޫނިއަން އިން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެހެންކަމުން އިގްތިސާދީ ގޮތުން މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ހީނަރުކަމުން އަރައިގަތުމުގައި ވިޔަފާރިވެރިންނާ ސަރުކާރު ގުޅިގެން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތައް ވަޅުޖެހިގެން ދިޔަ ނުދިނުމަށް އެ ޔޫނިއަން އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

“އަދި މި މަސައްކަތް ކާމިޔާބު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް އެ މަސައްކަތްތަކަށް މި ޔޫނިއަންގެ ފުރިހަމަ ތާއީދު އޮތްކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން،” އެ ޔޫނިއަންގެ ބަޔާނުގައިވެ އެވެ.

މިނިސްޓަރު ފައްޔާޒް މަގާމުން ދުރުކުރަން އެމްޑީޕީން މަސައްކަތް ފެށި ސަބަބެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ފައްޔާޒް “ސަން” އަށް ވިދާޅުވީ އޭނާ އިތުބާރު ގެއްލޭވަރުގެ ކަމެއް ނުކުރައްވާ ކަމަށާއި، ހުންނެވީ ސާބިތު ކަމާއެކު ކަމަށެވެ. އަދި އޭނާއާ ގުޅޭ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީގެ މެންބަރުންތަކެއް ހުށަހަޅުއްވަން އުޅެނީ ކީއްވެ ކަމެއް އެއްގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފައްޔާޒާ ދެކޮޅަށް މައްސަލައިގައި ސޮއި ކުރެއްވި ފުރަތަމަ ބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި މި މައްސަލައިގައި ހުށަހަޅުއްވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކަމަށްވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ. އަދި އެފަދަ ކަމެއް ރައީސް ނަޝިދު ނުކުރައްވާނެ ކަމަށް ފައްޔާޒު ޔަގީން ކުރައްވަ އެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުން އަންނަ އިރު، އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ފައްޔާޒް ދިފާއުކުރައްވަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ