އަވަސް ނޫހުގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)ގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދެފި އެވެ.
އާދަމް ހަލީމްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކާ ގުޅިގެން އެ މައްސަލަ ބަލައި އޭނާ އާއި މެދު ފިޔަވަޅު އެޅުމަށް އެދި 19 މީޑިއާއެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ސޮއިކޮށް ކަމާބެހޭ މުވައްސަސާތަކަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަނާ ގުޅޭ ގޮތުން އެމްއެމްސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށާއި މިފަދަ ކަންތައް އަމާޒުވާ ފަރާތްތަކަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަސަރުވެސް ދިގު މުއްދަތަކަށް ދެމިގެންދާ ކަމަށެވެ.
މިފަދަ މައްސަލަތައް މުޖުތަމައިން ފުހެލުމަށް ފަރުދީ ގޮތުންނާއި ޖަމާއަތުގެ ފެންވަރުގައި ކުރާ މަސައްކަތަށް އެމްއެމްސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނީ ނޫސްވެރިންނަކީ ބުރަކޮށް މަސައްކަތްކުރާ ބަޔެއް ކަމަށާއި އަންހެން ނޫސްވެރިން ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.
“އެހެންކަމުން އެކަނބަލުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ މި ކައުންސިލުން ގަބޫލުކުރާނެ ކަމެއް ނޫނެވެ. އަދި މިފަދަ ތުހުމަތުތަކެއް މެދުނުކެނޑި އިވެމުން ދިޔުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،” އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ އާދަމް ހަލީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހުންނަށައި ޖެންޑާ އަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށައި އެ މައްސަލަ އަވަސްކޮށްދިނުމަށް އެމްއެމްސީ އިން ފުލުހުންގެ ކިބައިން އިއްޔެ އެދިފައިވާނެ ކަމަށެވެ.
އެމްއެމްސީ އިން ބުނީ މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް މީޑިއާގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކުން މި މައްސަލަ ތަހުގީގު ކުރަމުންދާގޮތް ގާތުން ބަލާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްސީ އާއި ފުލުސް އަދި ޖެންޑާގެ އިތުރުން ރައީސް އޮޮފީހަށް ފޮނުވި އެ ޕެޓިޝަނުގައި ސޮއިކުރި ނޫސްވެރިން އެދިފައި ވަނީ މިފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް މީގެ ކުރިން ދައުލަތުންނާއި އެކިއެކި އިދާރާތަކުން ދީފައިވާ އެވޯޑުތަކާއި ޝަރަފުތައް އަނބުރާ ނެގުމާ މެދު ވިސްނުމަށެވެ. އަދި މި މައްސަލަތައް ބަލައި އެކަން ސާބިތުވާ ނަމަ ހައްގު އަދަބުދީ، ފިޔަވަޅު އެޅުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލައިފަ އެވެ.
އެގޮތުން އާދަމް ހަލީމަށް ނޫސްވެރިކަމުގެ ރޮނގުން 2010 ވަނަ އަހަރު ސަރުކާރުން ދީފައިވާ ގައުމީ އިނާމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އަހަރު ދިން “ނޫސްވެރިކަމުގެ ރަން ގަލަން” އޭނާގެ ކިބައިން އަތުލުމަށް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ.
“އަދި މިފަދަ އެވޯޑެއް ލިބިފައިވާ ފަރާތްތަކަށް ފަހުން ވެސް އެފަދަ ތުހުމަތެއް ކުރެވޭ ނަމަ އެ އެވޯޑަކާއި ޝަރަފުތައް އަތުލެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމުކޮށް، އަދި އެ އުސޫލުތައް ތަންފީޒުކުރުމަށް ވެސް އަޅުގަނޑުމެން ނޫސްވެރިން އެދެމެވެ.” ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ނޫސްވެރިންގެ ޕެޓިޝަނުގައި އިތުރަށް އެދިފައި ވަނީ މުސްތަގުބަލުގައި ވެސް އެއްވެސް އިދާރާއަކުން އެވޯޑުތައް ދޭ އިރު މިފަދަ ސީރިއަސް ތުހުމަތުތައް ކުރެވޭ މީހުންނަށް އެތަކެތި ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައެޅުމަށެވެ.