މުވައްޒަފުން މަދުވެ އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްގެ މަސައްކަތް ދޫކޮށްލަނީ

ސިފައިންގެ އަދި ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއު ކުރިޔަށް ގެންދާ އައިލެންޑް އެެކްސްޕާޓު ކުންފުނިން ފުލުުހުންގެ ފްލެޓްގެ މަޝްރޫއު ދޫކޮށްލުމަށް ނިންމައިފި އެވެ.

އައިލެންޑް އެކްސްޕާޓުގެ މެނޭޖިންގް ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ ވިދާޅުވި ގޮތުގައި ކުންފުންޏަށް ވަނީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.

“ކޮވިޑް-19ގެ ސަބަބުން ބައިވަރު މުއައްޒަފުން ވަނީ ގެއްލިފައި. ދެން މިހާރު ނިންމައިފައިވަނީ ޕޮލްކޯ ފްލެޓް [ފުލުހުން ފްލެޓްތަކުގެ] މަޝްރޫއު ދޫކޮށް ސިފްކޯ ފްލެޓްގެ މަޝްރޫއަށް އިސްކަން ދިނުމަށް،” އަނޮން ވިދާޅުވި އެވެ.

އައިލެންޑް އެކްސްޕާޓު ކުންފުނިން ޕޮލްކޯ ފްލެޓްތަކުގެ މަޝްރޫއު ހެދުމާ ހަވާލުވެފައިވަނީ ނޫމަޑި ކުންފުނީގެ އަތުން އެ މަޝްރޫއު ނެގުމަށްފަހު އެވެ.

މަޝްރޫއުގެ ދަށުން އައިލެންޑް އެކްސްޕާޓު ކުންފުންޏާ ހަވާލުކޮށްފައި ވަނީ، ތިން ޓަވަރެއްގައި ހުންނަ، 361 ފްލެޓް އެޅުމަށެވެ. ޖުމްލަ 6.28 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައި އޮތް ތާރީޙަކީ އޮކްޓޯބަރު 2017 އެވެ.

ނޫމަޑި ކުންފުނީގެ ވެސް އެއް ހިއްސާދާރެއްކަމުގައިވާ އަނޮން މީގެ ކުރިން ވަނީ މި ދެ މަޝްރޫއުވެސް އަވަސް ތާރީޙެއްގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.

އައިލެންޑް އެކްސްޕާޓް ކުންފުންޏަކީ ސައުދީ ޝާހީ އާއިލާގެ ޕްރިންސެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެ ކުންފުނިން މުއައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއްވުމުގެ ސަބަބުން ކުންފުނީގެ ބިދޭސީ މުއައްޒަފުންތަކެއް ވަނީ ޖުލައި 13 ވަނަ ދުވަހު ހުޅުމާލޭގައި ފުލުހުންނާ ކުރިމަތިލައި ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިންގައިފަ އެވެ.

އަނޮން ވިދާޅުވި ގޮތުގައި ކުންފުނީގެ ބިން ވިއްކައިގެން މިހާރު ގިނަ އަދަދެއްގެ މުއްޒަފުންނަށް ވަނީ މުސާރަ ދެވިފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން އެނބުރި ރަށަށް ދާން ބެނުންވާ މުވައްޒަފުންގެ ކަންކަންވެސް ހަމަޖައްސަމުންދާކަމަށް އަނޮން ވިދާޅުވި އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ