މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އިއްޔެ އަށް އެއް މަސްދުވަސް ވެފައިވާއިރު އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 5177 ފަތުރުވެރިން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 3476 ފަތުރުވެރިން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 258 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އެމެރިކާއިން ނެވެ. އެ ގައުމުން އައިސްފައި ވަނީ 189 ފަތުރުވެރިންނެވެ.
ނަމަވެސް މި މަހުގެ ފުރަތަމަ 15 ވަނަ ދުވަހު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެކުވެރި އަރަބި އިމާރާތުންނެވެ. އެ ގައުމުން 504 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން، ރާއްޖެ އައިސްފައިވަނީ 421 ފަތުރުވެރިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އެމެރިކާއިން ވަނީ 336 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.
ސްރީލަންކާއަށް ސޭފް ޓޫރިޒަމް ސްޓޭމްޕެއް ލިބި، އެފަދަ ސްޓޭމްޕެއް ރާއްޖެއަށް ނުލިބުމުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. މި ފާޑުކިޔުންތަކާ ގުޅިގެން އެ ސްޓޭމްޕަކީ ފަތުރުވެރިން ގެނައުމަށް ކިހާ މުހިއްމު ސްޓޭމްޕެއްތޯ ސުވާލު ކުރުމުން ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިވަގުތަށް ބަލާއިރު އެފަދަ ސްޓޭމްޕެއް އޮތުމަކީ ޓޫރިޒަމް ދާއިރާއަށް މުހިންމު ކަމެއްކަމަށް އިންޑަސްޓްރީގެ ފަރާތްތަކުން ދެކޭނަމަ ޑަބްލިޔުޓީޓީސީގެ މެމްބާޝިޕް ހޯދައިގެން ރާއްޖެއަށް އެ ސްޓޭމްޕް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.