އިންޑިއާގެ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފި

ދިވެހި ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކެއްގެ އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެ ކުންފުނިން މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފިއެވެ.

މިއީ ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަށް އިންޑިޔާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ އެކްސްޕޯޓްސް އެންޑް ޓްރިވެނިއާ (އެލްއީ ޓްރިވެނީއާ) ހަވާލު ކުރުމަށް ފަހު އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން އުފެދުނު މައްސަލައެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޖޫން،18، 2017 ގައި އިންޑިއާގެ އެ ކުންފުންޏާ އެކު ސޮއި ކުރި އެ އެއްބަސްވުން މިހާރުގެ ސަރުކާރުން ބާތިލު ކުރީ އިންޑީއާ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެއެވެ.

އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އިންޑިއާގެ ކުންފުނިން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް މިއަދު އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭޖީ އޮފީހުން ބުނީ އާބިޓްރޭޝަނާ ގުޅޭ މައުލޫމާތު ހިފެހެއްޓަން ސަރުކާރުގެ މައްޗަށް ލާޒިމުވާ ކަމަށެވެ. އަދި އާބިޓްރޭޝަނާ ގުޅޭ އިތުރުު ހާމަ ކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއް ކަމަށެވެ.

“އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.” އޭޖީ އޮފީހުން ބުންޏެވެ.

ލަކީ އެކްސްޕޯޓްސް ގެ ފަރާތުން ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483,451 ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން ވަނީ ބޭންކް ގެރެންޓީ ދޫކުރި ބޭންކް ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކްގައި އެދިފައެވެ. ނަމަވެސް އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިޔާގެ ނިއު ދެއްލީގެ ހައިކޯޓަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

އެ މައްސަލައިގައި، 29 ޖެނުއަރީ 2020ގައި ނިއު ދެއްލީގެ ހައިކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

އެ ވަގުތީ އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަށް ނިއު ދެއްލީގެ ހައިކޯޓުން ފުރުސަތު ދީފައިވާތީ، އެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާ ވަގުތީ އަމުރުގެ ޖަވާބު މި މަހުގެ 14ގައި ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން މިއަދު ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ