ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައި ނެތް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާކަން ދޭހަވާ ގޮތަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.
އޭސީސީން ނެރުނު ނޫސްބަޔާނުގައި މި މައްސަލައަކީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލައިގެ ހުލާސާ ރިޕޯޓެއް މެއި 21 ވަނަ ދުވަހު އޭސީސީން ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައި ހިމަނާފައިވާނީ މި މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބުނު ލިޔެކިޔުންތަކާއި އަދި ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ކަމަށް އޭސީސީން ބުނެ އެވެ.
އެ ރިޕޯޓަކީ މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫން ކަމަށާއި ރިޕޯޓު އާންމުކުރި އިރުވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް އޭސީސީން ބުނެ އެވެ. އަދި އޭރު ވެސް އެ މައްސަލާގައި ކޮމިޝަނުން ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށާއި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންނުވާ ކަމަށް ނިންމާފައި ނުވާނެ ކަމަށް އޭސީސީން ބުނެ އެވެ.
އޭރު އެ ރިޕޯޓު އާންމުކުރި މައިގަނޑު ސަބަބަކީ، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި އެ މައްސަލަ ކުރިއަށްނުދާ ކަމަށް ދޭހަވާ ގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގެ ތަހުގީގުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދިނުމަށް ކަމަށް އޭސީސީން ބުނެ އެވެ.
މި މައްސަލާގައި އޭސީސީން އަދި ވަކި ގޮތަކަށް ނިންމާފައިވާ ނުވާއިރު، މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.