ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅޭ ގޮތުން ކުރި އޮޑިޓުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޯހެއް ހެދިކަމެއް ނުދައްކާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން ކޮވިޑް-19 އަށް ކުރި ހަރަދުތަކުގައި ބޮޑެތި މަކަރާއި ހީލަތްތައް ހަދާފައިވާކަން ވަނީ ފެންމަތިކޮށްފައެވެ. އަދި ޖަރީމާ ހިންގުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެފައި އޮންނާނެކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އޮޑިޓްގައި ކޮރަޕްޝަންގެ ކަންތައް ހިންގުމުގައި އަމީރު ބައިވެރިވެފައި އޮތްކަން އެނގެން ނެތް ކަމަށެވެ.
“ލިޔެކިޔުމުން ފެންނަނީ އަދި [ފިނޭންސް މިނިސްޓްރީން ހެލްތު މިނިސްޓްރީއަށް ފޮނުވި] ސިޓީގައިވެސް ހުއްދަ ދީފައި މިއޮތީ ގަވައިދުގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރުމަށް. އެހެންވީމަ މީގަ ފިނޭންސް މިނިސްޓަރު ގޯހެއް ހެއްދެވިކަން މި އޮޑިޓުން ފާހަގަ ނުކުރެވޭ،” ޒިޔަތު ވިދާޅުވިއެވެ.
އެ އޮޑިޓަކީ ފިނޭންސް މިނިސްޓްރީގެ އޮޑިޓެއްވެސް ނޫން ކަމަށާއި އެއީ ހެލްތު މިނިސްޓްރީގެ އޮޑިޓެއްކަންވެސް ޒިޔަތު ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެހެން މިނިސްޓްރީތަކުން ހަދާ ކޮންމެ ޕޭމަންޓަކީ ފިނޭންސް މިނިސްޓްރީން ބަލައި އެޕްރޫވް ކުރަން އޮންނަ ޕޭމަންޓެއް ނޫން ކަމަށާއި، އެކަމުގައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ މިިސްޓްރީއެއްގެ މާލީ ޒިންމާދާރު ވެރިއެއްކަމަށެވެ.
“ފަހަރެއްގެ ސުވާލު އެފެދިދާނެ މިފަދަ ބޮޑު އަދަދެއް ދާ އިރު، އެޑްވާންސް ޕޭމަންޓް އެޕްރޫވް ކުރާއިރު، ކޮބާތޯ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވަނީ. މާލިއްޔަތު ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓަރަށް އިހްތިޔާރު ލިބިގެންވޭ، ހާލަތަށް ބަލައި، މިސާލަކަށް މިފަދަ ގައުމީ ކާރިސާއެއްގައި، އެޕްރޫވް ކުރަން،” ޒިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ ބާރެއް ފިނޭންސް މިނިސްޓަރަށް ލިބުނު ނަމަވެސް ލިޔެކިޔުންތަކުން ދައްކާ ގޮތުން އެ ހުއްދަ ދީފައިވަނީ ގަވައިދާ އެއްގޮތަށް ކަން ކުރުމަށްކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެެ.
ޒިޔަތު ވިދާޅުވީ، މި ކޮރަޕްޝަން ހިންގުމަށް މަގު ފަހިވުމުގައި އެންމެ ބޮޑު އިހުމާލެއްވެފައި ވަނީ، ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމްއާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީން ކަމަށެވެ.