ޑީއާރްޕީން ޕީޕީއެމް، ޕީއެންސީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަދި އިދިކޮޅު ކޯލިޝަނުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޑީއާރްޕީން ބުނީ އެ ޕާޓީގެ ލީޑަޝިޕާއި ޕްރޮގްރެސިވް ކޯލިޝަންގެ މަޝްވަރާ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11 ޖަހާއިރު، ޕީޕީއެމްގެ އޮފީހުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ތިން ޕާޓީ ގުޅިގެން، ޒިންމާދާރު އޮޕޮޒިޝަންގެ ގޮތުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) “ސަން” އަށް ވިދާޅުވީ، ޑީއާރްޕީން އެދިފައި ވަނީ ވީ އެންމެ އަވަހަކަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއެކު މަޝްވަރާ ބައްދަލުވުމެއް އިންތިޒާމުކޮށްދިނުމަށް ކަމަށެވެ.

އަދި ޕްރޮގްރެސިވް ކޯލިޝަނަކީ، ގައުމަށްޓަކައި މަސައްކަތް ކުރުމަށް ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ފުރުސަތު ދޭނެ ޕްލެޓްފޯމެއް ކަމަށާއި، އަދި މަޝްވަރާއަށް އެދިއްޖެ ކޮންމެ ބަޔަކަށް އެ ފުރުސަތު ވެސް އޮތް ކަމަށެވެ.

“އެކަމަކު އޭގެ މާނައަކީ މި ސަރުކާރާއެކު ކޯލިޝަން ހަދައިގެން ތިއްބެވި ބޭފުޅުންނާ އެކަމަކު މަޝްވަރާ އަދި ކުރިއަކަށް ނުދޭ،” އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ތިބި ބަޔަކާ އެކު މަޝްވަރާކުރުމަށް އެދުނު ނަމަވެސް، މިވަގުތު އަދި އެކަމަށް ޖަވާބުދޭން ދަތި ކަމަށާއި އެކަމަށް ޖަވާބެއް ދެވެނީ ކައުންސިލް ބައްދަލުވުމުގައި އެކަމަށް ގޮތެއް ނިންމުމެއް ފަހުގައި ކަމަށެވެ.

ނަމަވެސް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ލީޑަޝިޕުގައި މިވަގުތު އޮތް ޑީއާރްޕީއަކީ ސަރުކާރާ ކޯލިޝަން ހަދައިގެން މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށްވާތީ، އެ ޕާޓީން އެދިފައިވާ މަގުސަދުގައި މަޝްވަރާކުރެވޭނެ ކަމަށް އަންގާފައިވާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ