ރަސްފަންނުގެ ވެލިމަގު ހުޅުވާލައި މާލެ ވަށައިގެން ދުއްވޭ ގޮތް ހަދައިފި

ރަސްފަންނު ތަރައްޤީކުރިއިރު ބޮޑުތަކުރުފާނު މަގުން ވެލި އަޅާ ބަންދުކުރި ސަރަޙައްދުގައި އަލުން ގައު އަތުރާ، މާލެ ވަށައި ވެހިކަލް ދުއްވޭގޮތަށް ހަމަޖައްސައިފިއެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގުން މާލެ ވަށައި ދުއްވޭނޭހެން ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. ރަސްފަންނު ހެދުމަށް ކުރީގެ ސަރުކާރުން ބޮޑުތަކުރުފާނު މަގުގައި ފަސްއަޅައި ބަންދުކުރި ސަރަޙައްދު ހުޅުވާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.

މި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީންނެވެ. އެ ކުންފުނިން މި މަސައްކަތްކޮށްފައި ވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިންނެވެ. ރަސްފަންނު ހެދުމަށްޓަކައި މ. ރާވެރިގެއިން ފެށިގެން ވެސްޓްޕާކާއި ހަމައަށް ބޮޑުތަކުރުފާނުމަގުގައި ގާތްގަނޑަކަށް 2 ފޫޓަށް ވެލި އަޅާފައިވަނީ ކުރިން ދުއްވަން ބޭނުންކުރި މަގުގެ ގާތައްވެސް ނުނަގައެވެ.

އެހެންކަމުން އާރް.ޑީ.ސީން ވަނީ އެތަނަށް އަޅާފައިވާ ވެލިތައް ނެގުމަށްފަހު، ވެހިކަލްތަކަށް ފަސޭހައިން ދުއްވޭނޭހެން ގައު އަތުރާފައެވެ. އެމަގު އަލުން ހުޅުވާލާފައި ވަނީ އެތަނުގައި ދުވާ މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓްރެކްވެސް ނެގުމަށްފަހުގައެވެ.

ފެބްރުއަރީ މަހު އެ މަގު ހުޅުވާލުމުގެ މަސައްކަތް ފެށިނަމަވެސް، އެ މަސައްކަތް މަޑުޖެހުނީ ކޯވިޑް-19ގެ ސަބަބުންކަމަށް މާލޭ ސިޓީ ކައުންސިލުންބުނެއެވެ. މި މަޝްރޫއުގެ ދަށުން ކުރިން ވެސްޓްޕާކު ހުރި ސަރަހައްދުގައި ހިންގަމުންދިޔަ ގާޑިޔާތައް ނަގާ، އެ ސަރަޙައްދުވެސް ވަނީ ހުސްކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ