ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ވައްދަން ނިންމައި، އެކަން އިއުލާނުކުރައްވާފައި ވަނިކޮށެވެ.
“ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހަމަ ކަށަވަރުންވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. ސާބަސް މިނިސްޓަރ،.” ޝާހިދުގެ ދިފާއުގައި ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޖާބިރު ވިދާޅުވީ މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ނިންމެވީ، ހާރިޖީ ސިޔާސަތު ފެއިލްވެ، އެކަމުގެ ޒިންމާ މިނިސްޓަރު ޝާހިދު ނަންގަވަން ޖެހޭތީ ކަމަށެވެ. އަދި ގައުމުތަކާއެކު ހަމަހަމަ ގުޅުން ގާއިމު ނުކުރެވެނީ ވެސް ޝާހިދުގެ ސަބަބުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
ހޯމަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ޖާބިރު ވިދާޅުވެފައިވާއިރު، މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް ވޯޓުނަގާ މައްސަލައެއް މަޖިލީހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ.