ބިން ދޫކުރުމުގައި ހުރި ބާރުތަކެއް މިނިސްޓްރީން ދޫކޮށްލައިފި

ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވާ އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގައި ބިމާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީއަށް ލިބޭ ބާރުތަކެއް ދޫކޮށްލައި، “ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދު” އިސްލާހުކޮށްފިއެވެ.

ބިންތަކާ ބެހޭ ކަންކަން ބަލަހައްޓަން މިހާރު ހަވާލުކޮށްފައި އޮންނަ ސަރުކާރުގެ ވުޒާރާއަކީ ޕްލޭނިންގް މިނިސްޓްރީއެވެ.

ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުން ބިން ދޫކުރާނެ މުއްދަތު އަދި ބިމުގެ ބޮޑުމިންވެސް ކަނޑައަޅާނީ މިނިސްޓްރީގެ ހުއްދައާ އެކު، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުން ބިމުގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އިދާރާއިންނެވެ.

އެހެން ނަމަވެސް 10 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ބިމެއް ދޫކުރެވޭނީ ބިމުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީއަށް ކަމަށް އެ ގަވައިދުގައި ވެއެވެ. އަދި ސަރުކާރުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތެއްގެ ބޭނުމަކަށްވެސް 10،000 އަކަ ފޫޓަށްވުރެ ބޮޑު ބިމެއް ދޫކުރެވޭނީ މިނިސްޓްރީއަށް ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މިދިޔަ ހަފްތާގައި ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، 10،000 އަކަފޫޓަށް ވުރެ ބޮޑު ބިންތައް ދޫކުރުމާއި އަދި 10 އަހަރަށްވުރެ ދިގު މުއްދަތަށް ބިން ދޫކުރުމުގައި ބިންތަކާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީއިން އަދާކުރާ ދައުރު ބަޔާންކުރާ އަކުރުތައް ވަނީ އުނިކޮށްފައެވެ.

އެހެންކަމުން ބިންތަކާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީގެ ހުއްދައާއެކު ބިން ދޫކުރުމުގެ އެންމެހާ ކަންކަން މި ގަވައިދުގެ ދަށުން ނިންމާ ހަދާނީ އެ ބިން ހިމެނޭ އިހްތިސާސް ބަލަހައްޓާ ކައުންސިލުންނެވެ.

މީގެ އިތުރުން ގަވައިދުގައި ބީލަމަށް ހުޅުވާ ނުލައި ބިން ދޫކުރެވޭނެ ބޭނުންތަކެއް ބަޔާންކޮށްފައިވާ އިރު، އޭގެ ތެރޭގައި ބީލަމަކާ ނުލައި ދަނޑުވެރިކަމަށް ބިން ދޫކުރާ މުއްދަތު ވަނީ ތިން އަހަރު ދުވަހަށް އިތުރުކޮށް އިސްލާހުކޮށްފައެވެ. މީގެ ކުރިން ގަވައިދުގައި އޮތް ގޮތުން ބީލަމަށް ނުލައި ދަނޑުވެރިކަމަށް ބިން ދޫކުރެވޭނީ އެއް އަހަރު ދުވަހަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ