ފައިސާ ނުދޭތީ ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހިތްހަމަނުޖެހުން ފާޅުކޮށް، ގއ. ކޫއްޑޫގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.

މިއަދު ހެނދުނުން ފެށިގެން އެ ރަށުގައި އިހުތިޖާޖު ކުރަމުން އަންނަ އިރު ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިޔަކު ބުނެފައި ވަނީ އޭނާގެ “ކަރަވައްޓާ” ކިޔާ ދޯނިން މިފްކޯއިން މަސް ނެގުމަށްފަހު، ފައިސާ ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އެ ދޯނީގައި މަސައްކަތް ކުރާ މީހަކު ބުނެފައި ވަނީ، އެ ދޯނިން މަސް ގަނެ، ފައިސާ ނުލިބި 12 ބިލެއް އެބަ އޮތް ކަމަށާއި، އެއީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

“އެ ލާރި ނުލިބިގެން މި އައީ. މިހާރު ތިން ދުވަސް ވެއްޖެ މިކަމުގައި އަޅުގަނޑުމެން އުޅޭތާ،” އޭނާ ބުންޏެވެ.

މުޒާހަރާގެ ބައިވެރިޔަކު ބުނެފައި ވަނީ މީގެކުރިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކޮށްފައިވާނެ ކަމަށާއި، ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ފައިސާ ލިބޭނެ ކަމަށް ބުނި ނަމަވެސް، އަދިވެސް ފައިސާ ނުލިބޭ ކަމަށެވެ.

“އެބޭފުޅުން ވިދާޅުވަނީ ކޮވިޑާ ހެދިއޭ ދަތިވަނީ. އަޅުގަނޑުމެން މި ބުނަނީ ކޮވިޑާ ހެދި ލާރި ނުދެވެންޏާ އަޅުގަނޑުމެން އަތުން މަސް ނުނަގާށޭ. ނަގަންޏާ ލާރި ދޭން ޖެހޭނޭ، އަޅުގަނޑުމެން ވެސް ދިރިއުޅުމަށް ކުރާ މަސައްކަތޭ،” އޭނާ ބުންޏެވެ.

އިހުތިޖާޖާ ގުޅިގެން ފުލުހުން ބުނީ، ކޫއްޑޫގައި މަސްވެރިންގެ ބަޔަކު އިހުތިޖާޖު ކުރަމުން އަންނާތީ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ އިހުތިޖާޖުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ހައްލުކުރުމަށް ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އިހުތިޖާޖުގައި ފިޝަރީޒް މިނިސްޓަރާއި، މިފްކޯގެ އިސްވެރިންތަކުގެ އިސްތިއުފާއަށް އަންނަނީ ގޮވަމުންނެވެ. އަދި ލިބެންވާ ފައިސާ ލިބުމުން ނޫނީ ކޫއްޑޫއިން ނުފައިބާނެ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މާދަމާ ވެސް ފައިސާގެ ބައެއް މަސްވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ ދެވަނަ ދުވަހު 15 މިލިއަނެއްހާ ރުފިޔާ ދޫކުރި އިރު، އަދި 33 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރި ކަމަށާއި އެ ފައިސާ މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ