އެކި ކެޓަގަރީތަކަށް ފްލެޓު ބަހާފައިވާގޮތަށް ބަދަލު ގެނެސްފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން އެކި ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ފްލެޓުތަކުގެ އަދަދަށް ބަދަލު ގެނެސްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 16 ޓަވަރެއްގައި 7،000 އެޕާޓްމެންޓު އެޅިނަމަވެސް މިހާރު އެ އަދަދު ވަނީ 6،720 އަށް މަދުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު އާންމު ކުރި އިއުލާނެއްގައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ފުލެޓްތަކުގެ އަދަދު ބަދަލުކޮށް އާންމުކޮށްފައެވެ.

ބަދަލު ގެނެސްފައިވާ ކެޓަގަރީތަކަކީ:

1. H4 ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ: 475 އިން 233 އަށް މަދުކޮށްފައި

2. H5 ޓީޗަރުންގެ ކެޓަގަރީ: 625 އިން 523 އަށް މަދުކޮށްފައި

3. H6 އެކަނުވެރިން މައިންނާއި ބަފައިންގެ ކެޓަގަރީ: 500 އިން 423 އަށް މަދުކޮށްފައި

4. H7 އުރުމުން 18-40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންގެ ކެޓަގަރީ: 1،000 އިން 805 އަށް މަދުކޮށްފައި

5. H8 މާލޭ ރަށްވެހިންގެ ކެޓަގަރީ: 1،000 އިން 1،772 އަށް އިތުރު ކޮށްފައި

6. ގުޅީފަޅު އަދި ޓާޓާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުން ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުން: 300 އިން 120 އަށް މަދުކޮށްފައި

ހައުސިން އިން ބުނީ މާލެ ބްލޮކް ރިޑިވެލޮޕްމަންޓަށް ކަނޑައެޅި 256 ފްލެޓު މީގެތެރޭ ހިމަނާފައި ނުވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭ މީހުންނަށް ހާއްސަ ކެޓަގަރީ އަށް ފްލެޓުގެ އަދަދު އިތުރުކުރީ، މިއީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫއަކަށްވެފައި މާލޭ ރައްޔިތުންނަށް އިސްކަން ދިނުމަށް ކަމަށެވެ. މާލޭ ރައްޔިތުންގެ ތެރޭ ބޯހިޔާވަހިކަމެއްނެތި ދަތީގައި އުޅޭ ގިނަބަޔަކު ތިބިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، 50 ޕަސެންޓް މާކްސް ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ވަނީ ނިންމައިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ