ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހުށަހަޅައިފި

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

އިސްލާހު ހުށަހަޅުއްވާ ސަބަބެއްކަމަށް ޖާބިރު ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިކަމަށާއި، އެ ވޯޓުގައި ރައްޔިތުންގެ އަގުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއްކަމަށް ކަނޑައެޅިނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް މުތުލަގުގޮތެއްގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށް އަދި ރާއްޖޭގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގެ ވެރިކަން ހިންގަމުންދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ހުށަހެެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.

“މިގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުުވަމުން އަންނައިރު، ރައްޔިތުންނަށް އެ ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ‘ބަރުލަމާނީ ނިޒާމަކަށް’ ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ” ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މީގެެ އިތުރުން ވެރިކަމުގެ ނިޒާމު ބަދަލުވިޔަސް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި އޭރުންވެސް ރައީސުލްޖުމްހޫރިއްޔާ އަކާއި ރައްޔިތުންގެ މަޖިލީހެއް ރައްޔިތުން އިންތިހާބު ކުރަން ޖެހޭނެކަމަށް ޖާބިރުގެ އިސްލާހުގައި ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ