“ހިޔާ” ލިސްޓުން އުނިކުރާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އިމާރާތް ކުރި “ހިޔާ” މަޝްރޫއުގެ ފްލެޓުތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ މީހުންގެ ތެރެއިން، މި ސަރުކާރުގައި އިއުލާންކުރާ ލިސްޓުން ނަން އުނިކޮށްފައިވާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް އިކުއިޓީ ޗެމްބާޒް އިން ބުނެފިއެވެ.

އިކުއިޓީ ޗެމްބާޒް އަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވެސް ހިމެނިވަޑައިގަންނަވާ ލޯ ފާމެކެވެ.

އެ ލޯ ފާމުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓްތަކުގެ ހައްގުވެރިންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން “ހިޔާ” މަޝްރޫއުގެ ފްލެޓުތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކާއި، ފްލެޓް ލިބުނުކަމަށް ޝަރުތު ހަމަވެ، ނަން ގެޒެޓުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން “ބޭއިންސާފުން” އެ ލިސްޓުތަކުން އުނިކުރާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އެ ލޯފާމުގެ ފަރާތުން ހިލޭ ސާބަހަށް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން legalaid@equitychamber.com އަށް އީމެއިލްކޮށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، 50 ޕަސެންޓް މާކްސް ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މި ފަހުން ވަނީ ނިންމައިފައެވެ.

ފްލެޓު ކޮމެޓީ އިން ވަނީ ޝަރުތުހަމަނުވާ ފަރާތްތައް ޑިސްކޮލިފައި ކުރުމަށް ފަހު ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމު ކޮށްފައެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިގެން ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީއިން ޑިސްކޮލިފައިކޮށްފަ އެވެ. އެ ލިސްޓުވެސް ވަނީ ވަނަވަރާއި ޕޮއިންޓް ލިބުނު ގޮތާ އެކު ވަކިން އިއުލާންކޮށްފަ އެވެ. އަދި ކުރިން ލިބިފައިވާ ޕޮއިންޓް ވެސް އެ ލިސްޓްގައި ހިމަނާފައިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ