ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތުގައި ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދޭން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ އާމްދަނީ ހޯދުމަށް ދިވެހިން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލަން ޖެހި ފުރަބަންދުގައި ގިނަ ދުވަސްތަކެއް ތިބެން ޖެހުމުން މީހުންގެ އާމްދަނީ އެއްކޮށް ހުއްޓި ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
އެހެންވެ ކޮވިޑް 19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން ރައްޔިތުންނަށް ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް އެ ކުއްލި މައްސަލާގައި އެދިލެއްވި އެވެ.
“ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުގެ އިނާޔަތްތައް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް، ހަނޑޫ ހަކުރު ފުއް ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް ގޮވާލަން.” ކުއްލި މައްސަލަ ހުށަހެޅުއްވަމުން އާދަމް ޝަރީފު ވިދާޅުވި އެވެ.
އެމައްސަލަ ބައލި ނުގަތުމަށް 24 މެމްބަރަކު ވޯޓު ދެއްވި އެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.
ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ އިތުރު ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.