އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވެފައި ވާތީ، ޖޫރިމަނާ ފައިސާ އެ ކުންފުނީގެ އަތުން ހޯއްދަވާނެ ކަމަށާއި އެތަކެތި ފޯރުކޮށްނުދެވިއްޖެ ނަމަ، ޝަރީއަތަށް ގޮސްގެންވެސް ގެއްލުމުގެ ބަދަލު ހޯއްދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދުބާއީގެ އެގްޒެކިއުޓާސްއަށް ވެންޓިލޭންޓަރުތަކެއް ގަންނަން ދިން މައްސަލައިގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އެ ފަރާތާ ހަދާފައިވާ އެއްބަސްވުމުގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށެވެ. އެެހެން ނަމަވެސް، އެގްރިމަންޓުގައި ބުނާ މުދަތަށް ވުރެ ވަރަށް ބޮޑަށް ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ކަމުން އެގްރިމަންޓުގައި ބުނެފައިވާ ގޮތަށް ލަސްވާ ދުވަސްތަކަށް ޖޫރިމަނާ ފައިސާ އެ ކުންފުނީގެ އަތުން އަތުލުމުގެ ކަންކަން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
“މި އެގްރިމަންޓްގައި އެބަ އޮތް ލަސްވާ ނަމަ ޑިލޭ ޗާޖް ނެގޭނެ ގޮތް. އަދި އެ ފައިސާ ނުހޯދޭ ނަމަ، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިގެން ވެސް އެ ފައިސާ ހޯދޭނެ ކަމަށް އެގްރިމަންޓްގައި ލިޔެފައިވޭ. އެހެން ވީމާ އެ ހިސާބަށް ދާންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނަން،” މިނިސްޓަރު ވިދާޅުވި އެވެ.
އެ ކުންފުނީގެ ފަރާތުން ވެންޓިލޭޓަރު ނުލިބިއްޖެ ނަމަ، ދެން އަމަލު ކުރާނީ ކޮން ގޮތަކަށްތޯ މިނިސްޓަރާ މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގިނަ ކަންކަން ފެންމަތިވެފައި ވާތީ މިހާރު އެ އެގްރިމަންޓްގެ ކަންކަން ކައިރިން ބަލަމުން އަންނަ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބޭ ހާލަތުގައި، ކޯޓަށް ގޮސްގެން ވެސް އެ ފައިސާ ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހެލްތުގެ ވެރިން ވިދާޅުވީ ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދޭނެ އާ ތާރީހެއް އެ ކުންފުނިން ތަފްސީލާ އެކު މިހާރު ދީފައިވާ ކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެތަކެތި ރާއްޖެއަށް ސަޕްލައިކޮށްދޭނެ ކަމަށް އެ ކުންފުނިން ލިޔުމުން މިނިސްޓްރީއާ މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ކުންފުނިން ވެސް މީގެ ކުރިން ވަނީ ވެންޓިލޭޓަރުތަކެއް ރާއްޖެއަށް ފޮނުވި ނަމަވެސް، އެތަކެއްޗަކީ އެގްރިމަންޓްކުރި ތަކެތި ކަމަށް ނުވުމާއި ފެންވަރު ދަށްވުމުން މިނިސްޓްރީއިން އެތަކެތި ގަބޫލުކޮށްފައެެއް ނުވެ އެވެ. ހެލްތުގެ ވެރިން ކޮމިޓީގައި ވިދާޅުވެފައި ވަނީ އެތަކެތީގެ ބަދަލުގައި މިނިސްޓްރީއިން ބޭނުންވާ ވައްތަރުގެ ވެންޓިލޭޓަރު އެ ކުންފުނިން ފޮނުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.