އިސްތިއުނާފު މައްސަލައިގެ ޝަރީއަތަށް ވަކީލަކު ހަމަޖައްސަން އަދީބަށް 10 ދުވަސް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން އިއްވި ހަތް ދައުވާ ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތަށް ވަކީލަކު ހަމަޖައްސަން ހައިކޯޓުން 10 ދުވަހުގެ މުއްދަތެއް މިއަދު ދީފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެ ދައުވާތައް ބޭރުކުރަން ނިންމި ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން މިިދިޔަ މަހުގެ 23 ވަނަ ދުވަހު ހައިކޯޓުން ވަނީ އަމުރު ނެރެފައެވެ. އެހެންކަމުން މިހާރު އަދީބު ހުންނެވީ މާފުށީ ޖަލުގަ އެވެ. ބަންދު އަޑުއެހުމުގައި އަދީބު ތަމްސީލު ކުރެއްވީ ވަކީލު މަހުފޫޒު ސައީދު އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، މަހުފޫޒު ހަމައެކަނި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އޭނާގެ ބަންދުގެ އަޑުއެހުމަށް ކަމަށާއި އޭނާއަކީ މުޅި މައްސަލައިގެ ވަކީލު ނޫން ކަމަށެވެ.

އަދީބު ވިދާޅުވީ، އޭނާ ވަކީލަކު ހަމަޖައްސަން ބޭނުންފުޅުވާ ކަމަށެވެ. ވަކީލަކު ހަމަޖައްސަން ބޭނުންވަނީ ޖަލުގައި ސީދާ ބައްދަލުކޮށްފައި ނަމަވެސް، ކޮވިޑް-19އާ ގުޅިގެން އެގޮތަށް ބައްދަލު ނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޖަލުގައި ސީދާ ވަކީލަކާ ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވުމަށާއި، ވަކީލަކު ހަމަޖައްސަން 10 ދުވަސް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ކޮވިޑް-19 އާ ގުޅިގެން ވަކީލުންނާ ޖަލުގައި ބައްދަލު ނުކުރެވޭ ނަމަވެސް، ކޯޓުން އަންގުމުން ސީދާ ބައްދަލު ކުރެވޭ ގޮތް ހަމަޖެއްސިދާނެ ކަމަށް މިއަދު ދައުލަތުން ބުންޏެވެ. އެގޮތުން ކޯޓުން އެންގުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް އެގޮތަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާކަން ދައުލަތުން ފާހަގަކުރިއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންްޗުން މިއަދު ނިންމެވީ އަދީބަށް ވަކީލަކާ ބައްދަލުކުރައްވައި، ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ހައިކޯޓުގައި އަދީބުގެ އިސްތިއުނާފު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަަންނަވަނީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާޒީ އިސްމާއިލް ރަޝީދެވެ. އެ މައްސަލައިގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑު ކުރަން ޖޭއެސްސީއިން ވަނީ ނިންމައިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ