ފުވައްމުލަކުގެ 47 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ”ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ބާކީ ހުރި ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފަ އެވެ. އޭގެ ތެރެއިން 120 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. ވިހި ފްލެޓު ހާއްސަކޮށްފައި ވަނީ ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ 200 ފްލެޓުގެ ތެރެއިން ބާކީހުރި ދެ ކެޓަގަރީއެއްގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފުވައްމުލަކު ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ 40 ފްލެޓާއި، ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ހަތް ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ކައުންސިލުން ބުނީ މީގެކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ފޯމުތައް މި ފުރުސަތުގައި ހިމެނުމަށް ބޭނުންވާނަމަ ސިޓީއަކުން އެކަން ހުށަހެޅޭނެ ކަމަށެވެ.

އަދި އެ ފޯމުތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވެފައިވާނަމަ ނުވަތަ ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ އަލުން ފޯމު ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއަށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުންނެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި މައުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ