ކޮވިޑަށް ފަރުވާދޭން ތާޖުއްދީނުގައި އެސްޓީއޯއިން 19 އެނދު ބަހައްޓައިފި

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން ގިނަވެ، ފެސިލިޓީތަކަށް ބާރުބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެސްޓީއޯއިން ތާޖުއްދީން ސްކޫލުގައި 19 އެނދު ބަހައްޓައިދީފިއެވެ.

އެސްޓީއޯއިން ބުނީ މިއީ، ކޮވިޑަށް ފަރުވާދޭން ގާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގާއިމުކުރި އެނދުތަކެވެ.

ކޮންމެ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ އިރު، ފެސިލިޓީތަކުގައި އެނދުމަތިކޮށް ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 2,670 މީހަކު ތިބި އިރު، އޭގެ ތެރެއިން 173 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީ ހިމަނައިގެން އެޑްމިޓް ކުރެވެނީ 200 މީހުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ ބެޑް ކެޕޭސިޓީގެ 62 ޕަސެންޓު މިހާރު ވަނީ ފުރިފައެވެ.

އަދި ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ