ކޯވިޑް19ގެ ހާލަތާއި ގުޅިގެން މާލެ ފުރަބަންދުކުރުމާއި ގުޅިގެން މާލެތެރޭގައި އާންމުކޮށް ހިނގާ ކުދި ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް އެފަދަ މައްސަލަތައް އިތުރުވާން ފަށާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން އާންމު ގޮތެއްގައި ފާހަގަކުރެވިފައިވަނީ މަގުމަތީ ހިނގާފައިހުރި މައްސަލައް ކަމަށާއި އޭގެތެރޭގައި މަގުމަތީ ބަހަޓާފައި ހުންނަ ސައިކަލް ބައިސްކަލް ފަދަ ތަކެތި ވަގަށް ނެގުމާއި، ސައިކަލުގަ އަޅުވާފައި ނުވަތަ ސައިކަލް ޕޮކެޓްގައި ބެހެއްޓިފައި ހުންނަ ތަކެއްޗާއި މަގުމަތިން ފެންނަން ހުންނަ ތަކެތި ވަގަށް ނަގާފައިހުރިކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެއިތުރުން ގޯތި ގެދޮރަށް ވަދެ މޯބައިލް ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނު އާންމުކޮށް ވަގަށް ނަގާކަންވެސް ފާހަގަކުރެވެއެވެ. ފޭރިގެން ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި އާންމުކޮށް ފާހަގަކުރެވެނީ މަގުމަތިން މޯބައިލް ފޯނާއި އަތް ދަބަސް ފަދަ ތަކެތި ފޭރިގެން ހުށަހެޅޭ މައްސަލަތައް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މިފަދަ މައްސަލަތައް ހުއްޓުވުމަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހޭކަން ފާހަގަކުރައްވައި ޑެޕިއުޓީ ހެޑް އޮފް ޖެނެރެލް އިންވެސްޓިގޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ހަނީފު ވިދާޅުވީ އެޑީޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު މަގުމަތިން ފޭރިގެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި އެހެންކަމުން މަގު ބޭނުންކުރާއިރު ތިމާ ވަށައިގެންވާ މާހައުލަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ ތިމާ ގެންގުޅޭ އަގުބޮޑެތި ތަކެއްޗަށް ރައްކާތެރިވާންޖެހޭ ކަމަށެވެ.
“ފޭރުމުގެ މައްސަލަތައް ހިނގާފައި ހުންނަ ގޮތަށް ބަލާއިރު، އެފަދަ ކުށްތަކުގެ ޝިކާރައަކަށް ގިނަ ފަހަރަށް ވެފައި ހުންނަނީ މަގަށް ދޭންވާ ސަމާލުކަން ނުދެވޭ ފަރާތްތަކަށްކަން ފާހަގަކުރެވޭ. ފޯނާއި ކުޅެމުން މަގުމައްޗަށް މާބޮޑު ސަމާލުކަމެއް ނުދެވި ދަނިކޮށް ފޭރިގެންދޭ” ހަނީފް ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކަކީ މިހާރަށްވުރެ ބޮޑަށް ހާއްސަ ސަމާލުކަމެއް ދީފިނަމަ ހުއްޓުވިދާނެ އަދި މަދުކުރެވިދާނެ މައްސަލަތަކެއް ކަމަށާއި އެގޮތުން ފޯނާ ކުޅެމުން މަގުމަތިން ދާއިރު މަގަށް ހާއްސަ ސަމާލުކަން ދިނުމަކީ އެފަދަ ފުރުސަތަކަށް ބަލަބަލާ ތިބޭ ފަރާތްތަކަށް ފުރުސަތު ބަންދުކުރެވޭނެ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ. އަދި އަތް ދަބަހުގައި ގިނަ ޢަދަދެއްގެ ފައިސާ ނުގެންގުޅުމަށާއި މަގާވީ ފަޅިއަށް ދަބަސް އަޅުވައިގެން ދިއުމުގެ ބަދަލުގައި ފާރާވީ ފަޅިއަށް ދަބަސް އަޅުވައިގެން ދިއުމަކީވެސް ކުރެވިދާނެ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން މިފަދަ މައްސަތައް މަދުކުރުމަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ތިމާގެ އަގުބޮޑެތި މުދާ ހިމާޔަތްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް މުހިއްމުކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.