މަސައްކަތްކުރާ ތަނުގެ 60 ޕަސެންޓް ދިވެހީންނަށް ހަދަން ހުށަހަޅައިފި

ރިސޯޓުތަކާއި ސަފާރީތަކުގެ އިތުރުން 10 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތް ކުރާ ތަންތަނުގެ 60 ޕަސެންޓު މުވައްޒަފުންނަކީ ދިވެހީންގެ ގޮތުގައި ލާޒިމުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން އެވެ.

އަލީ ހުސައިން ވަނީ އެ އިސްލާހުގެ އިތުރުން ބައެއް އިތުރު ކަންތައްތައްވެސް އިސްލާހުގައި ހިމަނާފައެވެ. އެގޮތުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ، ގާނޫނުގައިވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅުއްވަން ޖެހޭނެ އެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދޭންވާނެ ކަމަށެވެ. އަދި އެ ލަފާގައި ސިނާއަތްތަކަށް ވަކީން މިނިމަމް ވޭޖް ކަނޑައަޅާނަމަ އެކަން ތަފްސީލުކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އަލީ ހުސައިން ހުށަހެޅި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ނޫނީ ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.

އެގޮތުން އެކަންތައްތައް ވަޒީފާގެ ގާނޫނުގައި ހިމަނައި ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި އަމަލުކުރަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ