ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުންޏެއްގެ މަގާމެއްގައި ހުންނެވުމުން އެމްޑީޕީ މެންބަރުން ޑރ. މައުސޫމްގެ ހުވައާއި މެދު ސުވާލު އުފެއްދުމުން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމާ އެކު އަލުން ވަޒީރުކަމަށް އައްޔަން ކުރައްވާ ރައީސް އޮފީހުން ވަނީ އޭނާ އަށް ލިއުން ދެއްވައިފަ އެވެ. އަދި މަގާމުގެ ހުވާ ވެސް ވަނީ އަލުން ކުރައްވައިފަ އެވެ.
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ރައީސް މަޖިލީހަށް އަލުން ފޮނުއްވުމުން އެ މައްސަލަ މިއަދު ރިޔާސަތުން ތަޅުމުގައި އިއުލާން ކުރައްވައި މައްސަލަ ވަނީ މިއަދު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
ޑރ. މައުސޫމްގެ ހުވައާ މެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ. އެއީ ޑރ. މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވިއިރު ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ކަމަށް ވިދާޅުވެއެވެ. ވަޒީރު ކަމުގައި ހުންނަވާއިރު ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.
އެހެންކަމުގައި އެ ކަމުގައި އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފައަކަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ އަރިހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތެވެ. ކައުންސިލަ ޖެނެރަލް ލަފާ ދެއްވީ މެންބަރުންގެ އަޣުލަބިއްޔަތުން ކޮމިޓީއަށް ފޮނުވާލަން ނުވަތަ މުޅި މަޖިލީހުން ވިޔަސް އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށެވެ.