އަންހެނުންގެ ގާބިލުކަން ދެއްކުމަށް މަސައްކަތުގެ މާހައުލު ހަމަހަމަ ތަނަކަށް ވާންޖެހޭ: ފަޒްނާ

އަންހެން މުވައްޒަފުންގެ ފުރިހަމަ ގާބިލުކަން ދެއްކުމަށްޓަކައި މަސައްކަތުގެ މާހައުލަކީ އަންހެން މުވައްޒަފުންނަށް ހަމަހަމަ އަދި ރައްކާތެރި ތަނަކަށް ހެދުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މިއަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ ފަޒްނާ ވަނީ މިއަދު “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ” އަދި “ޕްރޮޖެކްޓް ގާޑިއަން” އިފްތިތާހް ކޮށްދެއްވައިފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ދެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ފަޒްނާ ވަނީ، “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ” ފަދަ ކޮމިޓީއެއް އުފައްދާ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

އަދި، ކުރިއަށް ހުރި މަސައްކަތްތައް ގިނަކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، އެކަން ހާސިލު ކުރެވޭނީ އަންހެން އަދި ފިރިހެން އޮފިސަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައި ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅުގައި މުހިންމު ތިން ކަމަކަށް ވަނީ އަލިއަޅުއްވައިލަައްވައިފައެވެ. އެގޮތުން، ފުލުހުންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެއްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އަންހެނުން މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށް އަންހެނުން މުޖުތަމައާއި އާއިލާގައި އަދާކުރާ ދައުރު ބަލައިގަނެ، މަސައްކަތުގެ މާހައުލުންނާއި ސިޔާސަތުތަކުން އެ ކަންކަމަށް ޖާގަ ދޭންވާނެ ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުން އެ ކަމަނާ ފާހަގަކުރެއްވީ، އަންހެން މުވައްޒަފުންގެ ފުރިހަމަ ގާބިލުކަން ދެއްކުމަށްޓަކައި މަސައްކަތުގެ މާހައުލަކީ އަންހެން މުވައްޒަފުންނަށް ހަމަހަމަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މުހިންމުކަމެވެ.

އަދި ފުލުހުންގެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުން އަންހެން އޮފިސަރުން ކުރިއެރުމަށް ހިތްވަރު ދިނުމާއި، ތަމްރީނުގެ ހާއްސަ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ ވަނީ އަލިއަޅުވާލައްވައިފައެވެ.

މީގެ އިތުރުން، އަންހެންނުންނާއި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް އަވަހަށްބެލި، އިންސާފު ކަށަވަރުވާނެ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް އެކަމަނާ ވާހަކަދެއްކެވިއެވެ.

އަދި ފުލުހުންގެ މުއައްސަސާގެ ކުރީ ސަފުން އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމުން އެ މީހުންގެ ގާބިލުކަން ފެނިގެންދާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެ ދާއިރާއަށް އަންހެން ކުދިންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުގައި މިހާރު މަސައްކަތް ކުރައްވާ ހިތްވަރުގަދަ އަންހެން އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ހޯއްދަވަމުން ގެންދަވާ ކާމިޔާބީގެ ވާހަކަތައް ހިއްސާކުރުމަކީ، ދާއިރާއާއި ގުޅުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ވަނީ އެކަމަނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ