އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ލިބުނު އެކިއެކި ގެއްލުންތަކާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމަށް، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދޭ ގޮތަށް މަޖިލީހަށް ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ. ބިލު މަޖިލީހަށް ބަލައިގަތީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މިހާރު އެ ބިލު ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގައެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ބިލަށް އާންމުންގެ ހިޔާލު ހޯދަން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް ވާނަމަ، ސެޕްޓެމްބަރު 14 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީމެއިލް
އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެއެވެ.

އިންތިގާލީ އިންސާފުގެ ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ހުށަހެޅި ބިލެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ބިލުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެ އޮފީހުން ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު އެ އޮފީހަށް މި ގާނޫނުގައި ލިބިދީފައިވެއެވެ.

އަދި ބަދަލުގެ ގޮތުގައި މާލީ ބަދަލާއި މާލީ ނޫން ބަދަލު ނަގައިދެވޭނެ ކަމަށް ބިލުގައި ބުނެ އެވެ. މާލީ ބަދަލުގެ ގޮތުގައި އަނިޔާ ލިބުނު ފަރާތަށް ނަގައިދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ބަދެލެވެ.

އަދި ވަޒީފާއެއް އަދާކުރަމުން ދިޔަ މީހަކަށް ވެފައި، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާ އަދާނުކުރެވިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު، ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލެއް ދެވިދާނެ ކަމަށް ބިލުގައި ބުނެއެވެ.

ހަމައެއާއެކު ލިބުނު އަނިޔާއަށް ފަރުވާ ހޯދައި، އެ އަނިޔާއިން ލިބުނު ގެއްލުމުން މިންޖުވުމަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދުގެ ބަދަލު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލު ވެސް އެ އޮފީހަށް ނަގައިދެވޭނެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ