މޮނިޓަރިން އުވާލައި ތިނަދޫ އާންމު ހާލަތަށް

ގދ. ތިނަދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެރަށުގައި އިއުލާނު ކުރި މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

ތިނަދޫން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެޗްޕީއޭގެ ފަރާތުން އެރަށް މޮނިޓަރިންގ ހާލަތަށް ގެންގޮސް، ރަށަށް އަރައިފޭބުން މަނާކުރީ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.

ތިނަދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހެނދުނުގެ 09:29 ގައި އެރަށުގެ މޮނިޓަރިންގ ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މޮނިޓަރިން އުވާލި ނަމަވެސް، ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅަނޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގައިދުރުކަން ބަހައްޓާ، އާންމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކައުންސިލުން ބުނީ، އެރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި މީހުންނާ ގުޅުންހުރި ގެތަށް، ކަރަންޓީނުކުރެވިފައިވާ ކަމަށާއި އެހެންކަމުން އާންމުން ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެރަށުން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އަދި އޭގެ ފަހުން އެ ބޯޓުގެ އިތުރު ފަޅުވެރިޔަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެކުރިން ކައުންސިލުން ބުނެފައި ވަނީ، ތިނަދޫން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 41 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ