ދިވެހިންގެ ތަނަވަސްކަން ހޯދޭނީ އިންޑިއާގެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން: ނަޝީދު

ދިވެހިންގެ ތަނަވަސްކަން ހޯދެން އޮތީ، ރާއްޖެ-އިންޑިއާ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން އަންނަނީ ސަރުކާރުން އިންޑިއާއަށް ރާއްޖެ ވިއްކާލަން އުޅޭ ކަމަށް ބުނެ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވެސް އަޑުއުފުލަމުންނެވެ.

އެ މައްސަލައިގައި އިދިކޮޅުން ވަނީ ރާއްޖޭގައި މުޒާހަރާ ވެސް ކޮށްފައެވެ. އަދި “އިންޑިއާ އައުޓް”ގެ ނަމުގައި ސޯޝަލް މީޑީއާގައި ކެމްޕޭނެއް ވެސް ކުރިއަށް އެބަދެއެވެ.

ކެމްޕޭނުގެ އަޑުގަދަވެފައި ވަނިކޮށް، މިރޭ މަޖިލިސް ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި އިންޑިއާ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ ވެސް އެ ގުޅުމުގެ ސަބަބުން ކަމަށެވެ.

“އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އެގުޅުން ވިސްނުންތެރި ކަމާއެކު ގެންގުޅެގެން،” މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް އބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ވަޒީރުން އެ ގުޅުން ދަމަހައްޓާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ސަރުކާރުން ރާއްޖެ ވިއްކާލަށް އުޅޭ ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތުތައް ވެސް އެމަނިކުފާނު ވަނީ އިއްޔެ ދޮގުކުރައްވައިފައެވެ.

ރާއްޖެއާއި އިންޑިއާ ގުޅުމުގެ ފައިދާ ވަރަށް ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ