އެމެރިކާގެ އެބޮޓް ކުންފުނިން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ގޮތަށް ތައްޔާރުކުރި ކޮވިޑް19 ޓެސްޓު ‘ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑު’ ރާއްޖެ އަށް ގެނައުމަށް މެޑްޓެކުން ތައްޔާރުވެއްޖެ އެވެ.
ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއް ސައިޒެއްގެ މި އޭޖީ ކާޑުން 15 މިނެޓުގެ ތެރޭގައި ކޮވިޑް19 ޖެހިފައިވާކަން ނުވަތަ ނޫން ކަން އަންގައިދެ އެވެ. އެބޮޓުން ބުނީ ކޮވިޑްގެ އަލާމާތްތައް ހުރި މީހުންގެ މެދުގައި މި ޓެސްޓު ހަދައިގެން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މި ޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓެވެ. އަދި ސްޕެސިފިޓީއަކީ 98.5 ޕަސެންޓެވެ.
އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން މިހާރު ވެސް މި ޓެސްޓު ބޭނުންކުރަމުންދާއިރު، އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ މެޑްޓެކުން ބުނީ ވަރަށް އަވަހަށް ރާއްޖެ އަށް އޭޖީކާޑު ތައާރަފް ކުރާނެ ކަމަށެވެ. އެބޮޓުން އަންނަނީ އަންނަ މަހުން ފެށިގެން ކޮންމެ މަހަކަށް މީގެ 50 މިލިޔަން ޓެސްޓް ހެދުމަށް އަމާޒު ހިފައިފަ އެވެ.
އޭޖީކާޑާއެކު އެބޮޓް ކުންފުނިން ވަނީ މި ޓެސްޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަނުން އެންމެ ފަހުން ޓެސްޓު ހެދި ތާރީހާއި ޓެސްޓުގެ ނަތީޖާ ނެގެޓިވްކަން ވެސް ދައްކައިދެ އެވެ.
އޭޖީކާޑުގެ ސަބަބުން ސްކޫލްތަކާއި އޮފީސް ފަދަ ގިނަ އަދަދެއްގެ މީހުން އުޅޭ ތަންތަނުގައި ފަސޭހަކަމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑް19އަށް ޓެސްޓުކޮށްލެވޭނެ އެވެ،