ނުބައި ޓްރާންސެކްޝަންތަކެއް ހިނގީ ސްކޭމް އީމެއިލްތަކެއްގެ ސަބަބުން: ބީއެމްއެލް

ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގަނީ ބޭންކް އޮފް މޯލްޑިވްސްގެ ސިސްޓަމުގެ މައްސަލައަކުން ނޫން ކަމަށާއި އެއީ ސްކޭމް މެއިލްތަކެއްގެ ސަބަބުން ހިނގާ މުއާމަލާތްތަކެއް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން އެކި އަދަދުތަކުން ފައިސާ ކެނޑިފައިވާތީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ ބޭރުގެ ވެބްސައިޓްތައް މެދުވެރިކޮށް ބީއެމްއެލްގެ އެކައުންޓްތަކުން ގޮތް ނޭނގޭ މުއާމަލާތުތަކެއް ކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި އެ އެކައުންޓްތަކުން ފައިސާ ކެނޑިފައިވާ ކަމުގެ ޝަކުވާ ވެސް ހިމެނޭ ކަމަށެވެ. ނުބައި މުއާމަލާތްތަކެއް ކޮށްގެން އެކައުންޓުން ފައިސާ ކެނޑިފައިވާ ނަމަ، “ޓްރާންސެކްޝަން ޑިސްޕިއުޓް” ފޯމު ހުށަހަޅަން ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

ބީއެމްއެލް އިން ބުނީ މި މައްސަލައަކީ އެ ބޭންކުގެ ސިސްޓަމަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ވާހަކަ ދެކެވުނަސް އެއީ އެ ސިސްޓަމަށް މައްސަލައެއް ދިމާވެގެން ހިނގަމުން އަންނަ ކަންކަމެއް ނޫން ކަމަށެވެ. އެހެން ދިމާވަނީ ސްކޭމް މެއިލްތަކެއްގެ ސަބަބުން ކަމަށެވެ.

އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މައުލޫމާތު ހޯދަމުން އައުމަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމެއް ކަމަށާއި އަދި މި ކާޑުތަކުން މައުލޫމާތު ނުލިބިއްޖެ ނަމަ ދެން އެ ފަދަ މީހުން ޓާގެޓް ކުރަނީ އޮންލައިން ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ޕޭޕަލް އަދި އެމޭޒަން ފަދަ އެކައުންޓްގެ މައުލޫމާތު ހޯދުމަށް ކަމަށް އެ ބެންކުން ބުނެ އެވެ. އަދި މިފަދަ ވެބްސައިޓްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތަށް ކުރުމުން އެކައުންޓްތަކުން ފައިސާ ކެނޑެމުންދާ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލް އިން ވަނީ ކާކުކަން ނުދަންނަ މީހުން ފޮނުވާ އީމެއިލްތަކަށް ޖަވާބު ނުދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދެފަހަރަށް އެއް މުއާމަލާތަކަށް ފައިސާ ކެނޑިފައިނުވާނެ ކަމަށެވެ. އެކައުންޓަކުން ހިނގާފައިވާ މުއާމަލާތްތަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަމިއްލަޔަށް ބަލާލެވޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ކަސްޓަމަރުންގެ އެކައުންޓްތަކުން ދެ ފަހަރަށް ފައިސާ ކެނޑިފައިވާތީ ބީއެމްއެލް އިން ވަނީ މައާފަށް އެދިފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ