68 ޕަސަންޓް މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީސް މިއަދު ޗުއްޓީއަށް ހިނގައްޖެ އެވެ.

މެންބަރުން ޗުއްޓީއަށް ދިއުމުގެ ކުރިން މިއަދު ބޭއްވި މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި ދައުރުގެ ތެރޭގައި މަޖިލީހުން 21 ގާނޫނެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

“މި ދައުރުގެ ތެރޭގައި 21 ގާނޫނު، ނުވަ ގަރާރު، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލަ، ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ އަދި 16 ކުއްލި މައްސަލަ ނިންމެވި،” އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން މެންބަރުން ހުށަހެޅުއްވި ތިން މައްސަލައަކާއި، އެހެން މައްސަލަތަކާ ގުޅޭ 29 ރިޕޯޓަކާއި، ވަޒީރުންނާ 30 ސުވާލެއް ކުރެވިފައިވާކަމަށް އީވާ ވިދާޅުވި އެވެ.

އެގޮތުން، ކުރިން ހުށަހެޅިފައިވާ ކަންކަމާއެކު، މި ދައުރުގެ ތެރޭގައި 68 ޕަސަންޓް މަސައްކަތް މެންބަރުން ނިންމަވައި ދެއްވާފައިވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އަދި ކޮވިޑް-19 އިގެ ހާލަތުގައި އެންމެ ދުވަހެއް ވެސް ހުއްޓުމެއްނެތި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މަޖިލީހުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އީވާ ވަނީ މެންބަރުންގެ ނަމުގައި ޝުކުރު އަދާކުރައްވައިފަ އެވެ.

“އެނގިވަޑައިގަންނަވާނެ މި މަޖިލީހަކީ ކޮވިޑް-19 އިގެ ހާލަތުގައި ދުނިޔެއަށް ދިމާވީމާ، މަޖިލިސްތައް ބަންދުކުރަން ޖެހުނީމާ، އެކަކު އަނެކަކު އެއްވެ އުޅެވޭ ހާލަތު ނެތުނީމާ، ދުނިޔޭގައި ފުރަތަމަ އޮންލައިންކޮށް ބޭއްވި މަޖިލިސް،” ދުނިޔޭގެ ޕާލިމަންޓުތަކާބެހޭ ޖަމިއްޔާ އައިޕީޔޫ އިން ވެސް އެކަން ފާހަގަކޮށް އެހެން ޕާލިމަންޓުތަކަށް ނަމޫނާއެއްގެ ގޮތުގައި ދެއްކިކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވި އެވެ.

މިދިއަ ހަފްތާގައި ދައުރު ނިންމާލަން ތާވަލުކޮށްފައި އޮތް ނަމަވެސް، ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަނުކުރެއްވި ޑރ. މައުސޫމަށް ރުހުން ނުދެވުމުން، ދައުރު އިތުރުކުރަން ނިންމި އެވެ.

އެއް މަހުގެ ޗުއްޓީއަކަށްފަހު، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ އަންނަ މަހުގެ ތެރޭގައި އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ