ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ފޯނާއި ލެޕްޓޮޕް ވެއްދުމުގެ ފުރުސަތު ދީފި

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގައި ފޯނާއި ލެޕްޓޮޕް ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދޭން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ފެތުރޭތީ، ޝަރީއަތްތަކުގައި ކަރުދާސް ބޭނުންކުރުން މަދު ކުރުމަށްޓަކައި ލިޔުންތަކުގައި ޑިޖިޓަލް ކޮޕީ ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުމަށާއި މައްސަލަތަކުގެ ތާވަލް ދުރާލައި ކަނޑައެޅުމުގައި ފަސޭހަ ކުރުމުގެ ގޮތުން ލެޕްޓޮޕާއި ޓެބްލެޓާއި ފޯނު ޝަރީއަތުުގެ މަޖިލީހަށް ވެއްދުމުގެެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ތާވަލް ކަނޑައެޅުމަށް ވަކީލުންނާ މަޝްވަރާ ކުރާއިރު، ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ޝަރީއަތަށް ނުވެއްދޭތީ ތާވަލް ބެލުމަށްޓަކައި އަޑުއެހުންތައް މެދުކަނޑާލަން ޖެހޭތީ ކޯޓުގެ ވަގުތުތަކެއް ގެއްލިގެންދާތީ އެވެ. އެހެންވެ، ލެޕްޓޮޕާއި ޓެބްލެޓާއި ފޯނު ވެއްދުމުގެ ފުރުސަތު ދޭން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެފަދަ ވަސީލަތްތައް ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނަސް، އަޑުއެހުންތައް ރެކޯޑް ކުރުމާއި ވީޑިއޯ ކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އެޅިދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފޯނާއި ޓެބްލެޓާއި އިލެކްޓްރޯނިކް އެއްވެސް އާލާތެއް ޝަރީއަތުގެ މަޖިލިސްތަކުގައި ބޭނުން ކުރުމުގެ ފުރުސަތު ކޯޓުތަކުން މީގެކުރިއަކުން ނުދެ އެވެ. އަދި އެފަދަ ވަސީލަތެއް ޝަރީއަތުގެ މަޖިލީހަށް ވެއްދިިޔަސް، ބައެއް ކޯޓުތަކުން އެކަމަށް ވަގުތުން ފިޔަވަޅު އަޅަ އެވެ. ކުރީގެ ޖިނާއީ ކޯޓުގެ ދުވަސްވަރު ރެކޯޑްކުރެވޭ ގަލަމެއް ޝަރީއަތުގެ މަޖިލީހަށް މީހަކު ވެއްދުމުން ކޯޓު ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާއަށް ވަގުތުން އަދަބު ކަނޑައެޅި އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ