ވެމްކޯގެ ވަރަށް ގިނަ މުވައްޒަފުން ކަރަންޓީނުކޮށް މަސައްކަތަށް ބޮޑު ގޮންޖެހުމެއް

މާލޭ މަގުމަތު ސާފުކުރުމުގައި ހަަރަކާތްތެރިވާ ވެމްކޯގެ 110 މުވައްޒަފަކު ކަރަންޓީނަށް ގޮސް އެ ކުންފުނީގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.

ވެމްކޯއިން މިހާތަނަށް 49 މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައިވަނީ 33 މުވައްޒަފުންނެވެ. މި ވަގުތު ވެމްކޯގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 16 ގައެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، ކަރަންޓީނުވި މުވައްޒަފުންގެ ތެރޭގައި ކޯލް ސެންޓަރާއި، ފެސިލިޓީސް ތަކުގެ އިތުރުން ވެހިކަލްތައް ދުއްވުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ ކަމަށެވެ. އެ މުވައްޒަފުންގެ ތެރެއިންވެސް ގިނަ މުވައްޒަފުންނަކީ ކުނި ނެގުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ.

ސިރާޖް ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީނަށް ދާން ޖެހުމުން އޮޕަރޭޝަން ކުރިޔަށް ގެންދިޔުމުގައި ނަގާ ވަގުތު އިތުުރުވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ކުނި ނެގުމުގައި ހަރަކާތްތެރިވާ މުވައްޒަފުން މަދުވުމުން ކުނި ނަގާ ވަގުތުވެސް އިތުރުވެފައިވާ ކަމަށެވެ.

”ކުރީގައި ވެއްޖެއްޔާ ފަހެއް ޖަހާއިރު ”ވެށިފާރާވެރިން” ގެ މަސައްކަތްތައް ނިންމާލާ. އެކަމަކު މިހާރު ނަގާނެ ހައެއް ޖަހާއިރުވެސް ކުނި ނަގާ ނުނިމޭ” ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވި ގޮތުގައި ގޮންޖެހުންތަކާއި އެކު މަސައްކަތްކުރަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށެވެ. އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ގެއިން ބޭރަށް ކުނި ނެރޭއިރު ކުނި އަޅާ ކޮތަޅުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށާއި، މަގުމަތީގައި ކުނި ބަހައްޓާއިރުވެސް ސަމާލުކަން ދިނުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ. ވެމްކޯގައި ގާތްގަނޑަކަށް 800 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ