ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް ޝޯވ ނިންމާލަނީ

މަޝްހޫރު ރިއަލިޓީ ޝޯވް “ކީޕިންގ އަޕް ވިތް ދަ ކާރޑޭޝިއަންސް” 20 ސީޒަން އަށް ނިންމާލަން އުޅޭކަން ހާމަކޮށްފިއެވެ.

ސެޕްޓެމްބަރ ނުވަ ވަނަ ދުވަހު ކިމް ކާރޑޭޝިއަން ކޮށްފައިވާ އިންސްޓާރގްރާމް ޕޯސްޓެއް ބުނެފައި ވަނީ މި 14 އަހަރު ތެރޭގައި 20 ސީޒަން، އަދި 100ށް ވުރެ ގިނަ އެޕިސޯޑް ހިމެނޭ މި ޝޯވ ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ އާއިލާއިން ނިންމި ވަރަށް އުނގަދޫ އަދި ހިތްދަތި ނިންމުމެއް ކަމަށް ބުންޏެވެ.

އާއިލާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ދަނޑިވަޅުތަކުން ފެށިގެން އެންމެ އުފާވެރި ވަގުތުތަކުގައި ބައިވެރިވެ ހިއްސާވެ، މި ޝޯވ ބެލި އެންމެހާ ބެލުންތެރިންނަށް އޭނާ ޝުކުރު އަދާ ކޮށްފައިވާއިރު އަބަދުވެސް ބެލުންތެރިންގެ ތަރުހީބު ހިތުގެ އެންމެ ފުންމިނުން ބަލައިގަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ޝޯވގައި ޝާމިލުވާ ވިޔަފާރިތަކަށް ޝުކުރު އަދާކޮށް ކިމް ބުނީ އެންމެ ބޮޑު ޝުކުރެއް ޙައްޤު ވަނީ މި ޝޯވގެ ޕާރޓްނާރ ކަމަށްވާ އީއޮންލައިން ގެ ރަޔަން ސީކްރެސްޓްއަށާއި، ޝޯވ ޑޮކިއުމެންޓް ކުރުމުގައި ގުނާ އަދަދު ނުކުރެވޭހާ ވަގުތު ހޭދަ ކުރި ޕްރޮޑަކްޝަން ޓީމް ބޫނިމް/މުރެއީ އަށް ކަމަށެވެ.

ކިމް އިތުރަށް ބުނެފައިވަނީ މި ޝޯވގެ ޒަރިއްޔާއިން އޭނާއަށާއި އޭނާގެ އާއިލާއަށް މިހާ ހިސާބަށް އާދެވުނީތީ އުފާ ކުރާ ކަމަށާއި، އެ އާއިލާއަށް މިއަދު މި ރާސްތާ ކަޑައްތުކޮށް މިހާރު ތިބި މަންޒިލަށް ވާސިލް ވެވުނީ ވެސް ކީޕިންގ އަޕް ވިތް ދަ ކާރޑޭޝިއަންސްއާ ހެދި ކަމަށެވެ.

“ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަންސް” އެންމެ ފުރަތަމަ ދައްކަން ފަށާފައިވަނީ 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ