ދިވެހި ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުންގެ އިދާރާއަށް ހޯދަން އިއުލާނުކޮށްފައިވަނީ 30 ޕޮލިސް ކޮންސްޓަބަލުން ހޯދާށެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ ގްރޭޑް 10 ގެ ފެންވަރު ހުންނަ ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ބޭނުންތެރި ފަންނީ ދާއިރާއަކުން ތިން މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް އެކޯހުން ފާސްވެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.
ވަޒީފާއަށް އެދޭ ފަރާތްތަކަކީ މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމާއި އިސްކޮޅު، ފިރިހެނެއް ނަމަ 5 ފޫޓް 1 އިންޗި، އަންހެނެއް ނަމަ 4 ފޫޓް 8 އިންޗިއަށްވުރެ ކުރުވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި އަންހެން ކެންޑިޑޭޓުންނަށާއި މިލަދުންމަޑުލު ދެކުނުބުރި ނޫނީ މާޅޮސްމަޑުލު އުތުރުބުރީގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.