ރާއްޖެ އަންނަ ޓޫރިސްޓުން ކޯވިޑް-19 އަށް ނެގެޓިވް ވާންޖެހޭ ކަމަށް ބުނާ ގަވައިދަށް އަމަލު ކުރަން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކަމާ ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު އެޗްޕީއޭގެ ލަފާގެ މަތިން މިއަދުން ފެށިގެން ރާއްޖެ އާދެވޭނީ ކޯވިޑް-19 އަށް ނެގެޓިވް ޓޫރިސްޓުންނަށް އެކަނި ކަމަށެވެ. ރާއްޖެ އަންނަ ޓޫރިސްޓުން ޓެސްޓު ހަދަން ޖެހެނީ ފުރުމުގެ 72 ގަޑިއިރު ތެރޭގައި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ޓޫރިސްޓުން އިމިގްރޭޝަންގެ “އިމުގަ” އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޯވިޑަށް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ މިނިސްޓްރީގެ އޮފިޝަލުން ޓޫޜިސްޓުން ކޯވިޑަށް ނެގެޓިވްކަން ޔަގީން ކުރުމަށް ތިބޭނެ ކަމަށެވެ.
މިގޮތަށް ހަމަޖެއްސުމުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރައްކާތެރިކަން ބޭރު ގައުމުތަކަށް ޔަގީން ކުރުމަށް އިތުރު އެހީއަކަށް ވާނެ އެވެ.
ކުރިން އަމަލު ކުރަމުން އައި ގަވައިދުގެ ދަށުން ނެގެޓިވްކަން ޔަގީންކޮށްދިނުމަށް ލިޔުން ހުށަހަޅާކަށް ނުޖެހެ އެވެ. މިގޮތަށް ގަވައިދު އޮތުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އެގޮތުން މިހާރުވެސް ރިސޯޓުތަކުގައި 17 ޕޮސިޓިވް ޓޫރިސްޓުން އެބަތިއްބެވެ.