ނަޝީދާއި ފައްޔާޒު: ބާރާއި ހަސަދައިގެ ގަދަހިފުމެއްގައި!

ޔަގީންވާ އެއްކަމެއް އެބަ އޮތެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަކީ މި ސަރުކާރުގެ އެންމެ “ބާރުގަދަ” މިނިސްޓަރެވެ. އަދި އެމަނިކުފާނަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް މިނިސްޓަރެވެ. ބަރުލަމާނީ ނިޒާމެއްގައި ނަމަ، ބޮޑު ވަޒީރޭ ވެސް ކިޔޭނެހާ ކައިރީގައި ހުރީ އެމަނިކުފާނެވެ. މަންޒަރު، ފެންނަ ގޮތުން ރައީސް ސޯލިހު އެތައް ކަމެއްގައި ފައްޔާޒަށް ބަރޯސާވެ އެވެ. ޗާޓެއް ކުރަހާލާ ނަމަ، އެމަނިކުފާނު ސިޔާސީ ކުޅިބައި އަތުރާލާފައި ވަނީ ފައްޔާޒު ވަށައި އެނބުރޭ ގޮތަށް ކަމަށް ބުނެވިދާނެ އެވެ.

މި ހުރިހާ ސަބަބުތަކަކާ ވިދިގެން، ސިޔާސީ ކިއްލާއެއްގެ ތެރޭ ފައްޔާޒު ހުންނެވި ނަމަވެސް، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ވަނީ ސީދާ ފާޅުގައި ފައްޔާޒާ ދެކޮޅަށް މަސައްކަތް ފައްޓަވައިފަ އެވެ. އެމަނިކުފާނުގެ އަމާޒު ހިފާފައި ހުރީ އެކިއްލާ ފޫއަޅުވާލާފައި ނަމަވެސް، ފައްޔާޒުގެ ބާރު ނިމުމަކަށް ގެންނާށެވެ. ރައީސް ނަޝީދު ކުރެއްވި ސޮޔާ އެކު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ސޮއިކުރައްވަން ވަނީ ފައްޓަވައިފަ އެވެ. “ބްރޯ” ހެދިގެން އުޅުމުގެ ޖާގަ ނުދިނުމަށް ނަޝީދު ފެއްޓެވި ކަމަށް ބުނާ އެ މަސަައްކަތުގައި 30 މެންބަރުންގެ ސޮއި ހޯއްދެވިއްޖެ ކަމަށް ނަޝީދު ވިދާޅުވެ އެވެ. އެކަމަކު އެއީ އެ މަނިކުފާނަށް އަދި ކާމިޔާބެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު މަސަައްކަތްޕުޅު ކުރެއްވީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ފައްޔާޒާ ދެކޮޅަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެވޭނެ ވަރަށް ސޮއި ހަމަކުރެއްވުމަށެވެ. އެންމެ މަދުވެގެން އެއީ، 32 މެންބަރުންނެވެ. އެކަމަކު، އެކަން ހާސިލް ނުވުމުން ވެސް ނަޝީދު ހުންނެވީ ދޫކުރައްވާ ގޮތަކަށް ނޫނެވެ. ފައްޔާޒުގެ މައްޗަށް އެތައް ކަމެއްގެ ތުހުމަތު ކުރައްވައި، އޭނާގެ މައްސަލަ ނަޝީދު ވަނީ މިހާރު އެމްޑީޕީއަށް ރަސްމީކޮށް ހުށަހަޅުއްވައިފަ އެވެ. ނަޝީދުގެ އަމާޒު ހުންނެވީ، އެއް ގޮތުން ނުވެއްޖެ ނަމަ އަނެއް ގޮތުން ވެސް ފައްޔާޒު މަގާމުން ދުރުކުރުމަށެވެ. މި ކަމުގައި ނަޝީދު ހަތިޔާރު ބަހައްޓަވާނެ ކަމަކަށް ނުބެލެވެ އެވެ. ނަޝީދަކީ ގޮތް ދޫނުކުރައްވާ މިޒާޖެއްގެ ބޭފުޅެކެވެ. އަދި ރައީސް ސޯލިހު ކިތަންމެ މަޑުމައިތިރި ނަމަވެސް، މިކަމުގައި ދޫދެއްވާނެ ކަމަކަށް ނުބެލެވެ އެވެ. ރައީސް ސޯލިހު ސީދާ މީޑިއާއަށް އަރުއްވައި، ފައްޔާޒު ދިފާއުކުރައްވާނެ ކަމަށް ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.

މިހިސާބަށް ކަންކަން ގޯސްވުމުން އުފެދޭ ސުވާލަކީ؛ ނަޝީދާއި ފައްޔާޒާ ދެމެދު ކަންތައްތައް ގޯސްވެ ހަމައިން ނައްޓައިގެން މިދިޔައީ ކީއްވެގެން ހެއްޔެވެ؟ މި ސިޔާސީ ހެލުންގަނޑުގެ ފަހަތުގައި އޮތީ ކޮން ކަމެއް ހެއްޔެވެ؟ ރައީސް އެންމެ އިތުބާރު ކުރައްވާ ވަޒީރު ވަކިކުރަން ކުރާ މަސައްކަތުން ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟

މި މައްސަލާގައި ވާނެ ގޮތެއް އަދި ނޭނގުމެއްގެ ތެރޭގައި އޮތަސް މި ސުވާލުތަކަށް ޖަވާބު ލިބުން ވަރަށް މުހިންމެވެ.

މެންބަރުންގެ މެދުގައި ނުތަވަސްކަން

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ފައްޔާޒުއާ މެދު ނުތަވަސްކަމެއް އުފެދިގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ސަބަބަކަށް ވަނީ، މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ހިންގުމުގައި ގެންގުޅޭ ނާއިންސާފާއި ތަފާތު ކުރުމެވެ. އެ މެންބަރު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހިނގަނީ، މިނިސްޓަރު ފައްޔާޒުގެ “ފޭވަރިޓް” މެންބަރުންގެ ދާއިރާތަކުގަ އެވެ. އެހެން ދާއިރާތަކުގައި މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުހިނގަ އެވެ. އެ މެންބަރު ތުހުމަތު ކުރެއްވި ގޮތުގައި އެ ބޭއިންސާފު އޮތީ ފައްޔާޒުގެ ނުފޫޒުގެ ސަބަބުންނެވެ.

“މަޝްރޫއެއްގެ ކަމެއްގައި ވެސް މެންބަރުން ގޮސް ފައްޔާޒު ކައިރީ އާދޭސް ކުރަން ޖެހޭ އުސޫލެއް އޮންނަނީ. ރައީސް ސޯލިހު ވެސް އެގޮތަށް އެކަން ރާވާފައި އޮންނާތީ އެކަން ވަނީ ކަމަށް ބުނެވިދާނެ. ފައްޔާޒާ ގުޅުން ނޯންނަ މެންބަރުންގެ ދާއިރާތައް ބާކީވޭ. އެ ޝަކުވާ ރައީސް ނަޝީދާ ހަމަޔަށް އެތައް މެންބަރުންނެއް ގެންގޮސްފައިވޭ،” އެ މެންބަރު ވިދާޅުވި އެވެ.

“ހުރިހާ ކަމެއްގައި ފައްޔާޒުގެ ސޭ އޮވޭ. އެކަމަކު އެންމެ މިނިސްޓަރަކު ހުރިހާ ކަމެއްގައި ބަސް ބުނެ، އޭނާގެ ބަސް ގަދަވާ ނަމަ އެއީ މައްސަލައެއް. އެއީ ހިޔާނާތަށް ހުޅުވޭ ދޮރެއް،”

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އެހެން މެންބަރަކު ވެސް ވިދާޅުވި ގޮތުގައި ދާއިރާތަކުގައި ހުންނަ ސިޔާސީ ވަޒީފާތަކުގެ ކަންކަމުގައި ވެސް ފައްޔާޒުގެ ނުފޫޒު ބޮޑެވެ. އެގޮތުން، ވަޒީފާ ލިބެނީ ވެސް ފައްޔާޒު ވިދާޅުވާ ބަޔަކަށް ކަމަށް އެ މެންބަރު ތުހުމަތު ކުރެއްވި އެވެ. ނަތީޖާއަކަށް ވަނީ ދާއިރާތަކުގެ މެންބަރުން ބޭނުންވާ ގޮތުގެ ބަދަލުގައި، ވަކި މިނިސްޓަރަކު ބޭނުންވާ ގޮތަށް ކަންކަންވުން ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

“ފައްޔާޒުގެ ނުފޫޒުގެ ސަބަބުން މި ޒާތުގެ ކަންކަން ވާތީ، މެންބަރުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑު. ކޮންމެ ކަމަކަށް ފައްޔާޒު އިންސްޓްރަކްޝަން ދެއްވުން އެއީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ކަމެއް ނޫން. މަގާމުތަކުގައި ތިބޭ ބޭފުޅުން ވެސް ފައްޔާޒުގެ ބްލެސިން ހޯދަން މަސައްކަތް ކުރާ ދަރަޖައަށް ކަންކަން ދިޔުން ބަލައިނުގަނެވޭ،” އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

ރައީސް ނަޝީދު ތުހުމަތުކުރައްވާ ގޮތަށް، ފައްޔާޒު “ބުރޯ” ހެދުމަކީ އެއީ ކަމުގައި ވެދާނެ އެވެ. އަދި ފައްޔާޒުގެ ނުފޫޒުން ރައީސް ނަޝީދުގެ ފޭވަރިޓް މެންބަރުން އެއްފަރާތްވުމަކީ ވެސް އަނެއް ބޮޑު މައްސަލަ އެވެ.

އެހެން ނަމަވެސް، އެ ތުހުމަތުތައް ފައްޔާޒު ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ނާޖާއިޒު ނުފޫޒެއް އެއްވެސް ކަމަކަށް އޭނާ ފޯރުއްވާފައެއް ނޯންނާނެ އެވެ. އަދި ހާއްސަކޮށް ކޮރަޕްޝަންގެ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފައްޔާޒު ދެއްވަ އެވެ. ފައްޔާޒު ސިފަކުރައްވާ ގޮތުގައި އޭނާއަށް ކުރާ ހުރިހާ ތުހުމަތަކީ، “ސިޔާސީ” ކަމެކެވެ. ރައީސް ނަޝީދު އުފަން ކުރުވީ ވެސް ސީދާ ސިޔާސީ މައްސަލަ އެކެވެ. އެއީ މެރިޓްގެ މައްޗަށް ތަރުތީބުވެފައިވާ މައްސަލައެއް ނޫނެވެ.

“އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑަށް ގޯސްކޮށް ކުރެވިގެން އުޅޭ ކަމެއް. އަޅުގަނޑު މިހުރީ އަޅުގަނޑަށް ބަރާބަރަށް ޒިންމާ އަދާކުރެވޭ ކަމަށް ދެކިގެން. މީހަކު މީގެ ކުރިން އެ ވާހަކަ ނުވެސްދައްކާ. އަޅުގަނޑަށް އިތުބާރު ގެއްލެން ޖެހޭވަރު އެއްވެސް ޒާތެއްގެ ކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ،” ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ޒަމާންވީ ސިޔާސީ ހަސަދަ

އެމްޑީޕީ އުފެދި ބޮޑުވަމުން ދިޔައިރު، އެ ޕާޓީގެ ތެރޭގައި އުފެދުނު ސިޔާސީ ބޮޑެތި ހޫނުތަކުގެ ތެރޭގައި އެންމެ ބޮޑު މައްސަލައެއް އުފެދުނީ ޕާޓީގެ ފުރަތަމަ ރައީސް އަދި ފައްޔާޒުގެ ބޭބެ އިބްރާހިމް އިސްމާއިލް (އިބުރާ) އާއި އެމްޑީޕީގެ ޗެއާޕާސަންއަކަށް އޭރު ހުންނެވި، މިހާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އެވެ. އެ ހާޖާނުތައް ބޮޑުވެ، އިބުރާ އެންމެ ފަހުން އެމްޑީޕީއިން ވެސް ވަކިވެވަޑައިގަތެވެ. ބައެއް ބޭފުޅުން އެކަން ސިފަކުރައްވަނީ، ރައީސް ނަޝީދު ބާރުވެރިކަމަށް ޓަކައި އެތައް ގޯނާއެއްކޮށް އިބުރާ ޕާޓީއިން ބޭރުކޮށްލީ ކަމަށެވެ. ފަހުން އިބުރާ، ނަޝީދަށް އެކި ފަހަރު ފާޑުވެސް ވިދާޅުވެފައިވެ އެވެ. މި ހާޖާނުތަކާ ހުރެ އިބުރާގެ އާއިލާ، ބޯގަންވިލާ އާއި ރައީސް ނަޝީދާ ދެމެދު ސިޔާސީ ނުތަނަވަސްކަން އަބަދުހެންމެ އޮވެ އެވެ.

މި ސަރުކާރުގައި ބޯގަންވިލާއަށް ނިސްބަވްތާ ގިނަ ބޭފުޅުންނަށް ސިޔާސީ ބާރުވެރި މަގާމުތައް ލިބިފައިވެ އެވެ. އަދި ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ ކަމަށް ފެންނަނީ އެބޭފުޅުންނަށެވެ. މަންޒަރު ފެންނަނީ، ރައީސް ނަޝީދަށް ވުރެ އެބޭފުޅުން ރައީސް ސޯލިހާ އަރިސްކަމަށެވެ. އެހެން އެގޮތަށް ވަނީ، ރައީސް ސޯލިހަށް ޓިކެޓް ލިބުނު މަރުހަލާ އާއި ރިޔާސީ ކެމްޕޭންގެ ތެރޭގައި ވެސް ރައީސް ސޯލިހުއަށް ބުރަ މަސައްކަތްތަކެއް އެބޭފުޅުން ކޮށްދެއްވާފައިވާތީ ކަމަށް ބުނެވިދާނެ އެވެ. އެހެން ވީމާ ރައީސް ނަޝީދު ރުހުނަސް ނުރުހުނަސް އެބޭފުޅުންގެ ނުފޫޒު މި ސަރުކާރުގައި ގަދަވުމުގެ ފުރުސަތު އޮތީ އެވެ.

“އެއީ އަޅުގަނޑަކަށް ހިއެއް ނުވޭ ރައީސް ނަޝީދަށް އެހާ ހަޖަމް ކުރެވޭނެ ކަމެއްހެން ބޯގަންވިލާއަށް ނިސްބަތްވާ ބޭފުޅުންނަށް ބާރުވެރިކަމެއް އޮތުމަކީ. އެއީ ރައީސް ނަޝީދާ އެބޭފުޅުންނާ މީގެ ކުރިން ދިމާވެފައި ހުރި މައްސަލަތަކުގެ ސަބަބުން. އެހެން ވީމާ މީގައި ދެ ފެކްޓާއެއް އެއްވީ ކަމަށް ބުނެވިދާނެ މައްސަލަތައް ޖެހުނީ. އެއީ ނަޝީދު ބޭނުންފުޅު ނޫން ބަޔަކު ސަރުކާރު ތެރޭ ގަދަވުމުން ނަޝީދަށް ޖާގަނުލިބުމުގެ ބިރު އަދި މެންބަރުންގެ މެދުގައި އުޅުނު ހިތްހަމަނުޖެހުން މިހުރިހާ ކަމެއް މި އެއްވީ،” މީގެ ކުރިން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ނަމަވެސް، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަނީ ފައްޔާޒާ ނަޝީދާ ދެމެދު އޮތީ ޒާތީ ކަމެއް ނޫނެވެ. އަދި ނަޝީދުގެ ސިޔާސީ މަސައްކަތުގައި އެމަނިކުފާނު ޒާތީ ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. ހުދު ނަޝީދު ވެސް ވިދާޅުވަނީ އެމަނިކުފާނު ފައްޔާޒު ބޭރު ކުރައްވަން ބޭނުންފުޅު ވަނީ ޕާޓީ ސަލާމަތް ކުރުމަށް ކަމަށެވެ. ޕާޓީއަށް ލިބޭ ހިޔާނާތުގެ ހަޑިނަމުން ޕާޓީ ސަލާމަތް ކުުރުމަށެވެ. މިއީ އެމަނިކުފާނުގެ ހާޑްލައިން ސަޕޯޓަރުން ގަބޫލުކުރާ ގޮތެވެ. އެކަމަކު ފައްޔާޒު ހިންގެވި ކަމަށް ބުނާ “ޖަރީމާތަކޭ” ބުނެ ވާހަކަ ދެއްކުން ފިޔަވާ އަދި ހެއްކެއް ނެތެވެ. އަދި ހުރީ އަޑުތަކެކެވެ.

ހެލުންގަނޑުން ދެން ވާނީ ކިހިނެއް؟

ކޮވިޑާ އެކު ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ހެލުންގަޑެއްގަ އެވެ. ކުރިއަށް މި އޮތީ ތަދު ދުވަސްތަކެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން އެންމެ އަވަހަށް ވެސް އަރައިގަނެވޭނެ ކަމަށް ވަނީ އަންނަ އަހަރު އެވެ. ލަފާކުރި ވަރަށް ޓޫރިސްޓުންނެއް ވެސް ނާދެ އެވެ. ނަތީޖާއަކަށް ވަނީ ސަރުކާރު ދުވަހެއް ދުވަހަކަށް ނިކަމެތި ވުމެވެ. އިގްތިސާދީ ހީނަރުކަމުން އާންމު ރައްޔިތު މީހާއަށް، އިންތިހާއަށް އަސަރުކުރުމުން އެކަމުގެ ބަދުނާމު އެޅެނީ ސަރުކާރުގެ ބޮލުގަ އެވެ. ގޯސްކުރަނީ ސަރުކާރެވެ. މި ދަނޑިވަޅުގައި ސަރުކާރުންވީ ބޮޑެތި ވައުދުތައް ފުއްދައިދެވޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

މި ހުރިހާ ސަބަބަކާ ހުރެ ދުވަހެއް ދުވަހަކަށް ސަރުކާރުގެ އޮފް ދަނީ ކެނޑެމުންނެވެ. މިހާލަތުގައި ސަރުކާރު އޮތް އިރު، ރައީސް ސޯލިހުގެ އެންމެ މުހިންމު ކައްތިރި ދުއްވާލަން، ރައީސްގެ ދުވަސްވީ ގާތް އެކުވެރިޔާ އަދި ސިޔާސީ ގޮތުން ޕޮޕިއުލާ ރައީސް ނަޝީދު ޕާޓީ ތެރެއިން މަސައްކަތް ފެށުމުން ބޮޑެތި ލޮޅުންތައް ސަރުކާރަށް އަރާނެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ އިތުރަށް ސަރުކާރު ބަލިކަށިވުމާ ދިމާލަށް ދިޔުމެވެ. އާމާންކަން ގެއްލި ގަޑުބަޑުތަކެއް ފެށުމެވެ.

މިހާރު ވެސް އެ މަންޒަރު ފެންނަން ފަށައިފި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕުގައި ޕާޓީގެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަގަށް ގޮވައި އަވަގުރާނަ ވެސް ގޮވަން ފަށައިފި އެވެ. ފައްޔާޒުގެ ކަންތައްގަނޑުން ހިތުގައި ފޮރުވާފައި ހުރި ޒާތީ ހަސަދަތައް ބޭރުވެ، ކުދި ކުދި އެހެން ޒުވާބުތައް ބޮޑުވެ އެމްޑީޕީ ތެރޭ ބާރަށް އެ ޒުވާބުތައް ހިނގައިގެންފި އެވެ. ރައީސް ނަޝީދާއި ސޯލިހާ ދެމެދު ފެކްޝަން އުފެދިފައިވާ ކަމަށް އިދިކޮޅުން ބުނާ ބުނުމަށް، ސާފު ދަލީލުތައް މިހާރު ލިބެން ފަށައިފި އެވެ. ރައީސްގެ ސްޓޭންޑް ސާފުކޮށް މިފަހަރު ވިދާޅުވި އިރު، ރައީސް ނަޝީދު ހުންނެވީ ސީދާ އެ ސްޓޭންޑާ ދެކޮޅަށް ނިކުމެ އެވެ. މަސައްކަތް ކުރައްވަނީ ސީދާ ރައީސްގެ ބަސްފުޅާ ދިމާއިދިކީލިކޮށެވެ.

އެކަމަކު ސަރުކާރު ހާލުގައި އޮތް މި ދަނޑިވަޅުގައި މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ޕާޓީގެ ސްލޮޓެއްގައި ހުރި މިނިސްޓަރެއް ސީދާ ދުއްވާލުމަށް ޕާޓީ ތެރެއިން ތެޅި ފޮޅިގަތުމުން ނިކުންނާނީ ކޮން ފަދަ ހިތި ނަތީޖާއެއް ހެއްޔެވެ؟

“މި ދަތި ދުވަސްތަކަކީ އެއްވެސް ސަބަބަކާ ނުލައި ކުދި ކުދި ކަންތައްތައް ސިޔާސީ ކުޅިވަރަކަށް ހަދައިގެން ކޮޅުކޮޅަށް ހެލުވޭނެ ވަގުތެއް ނޫން. ދިވެހި ރައްޔިތުންގެ ކުރިމަގު ބިނާވެފައި އޮތީ މިއަދު ސަރުކާރާއި އެމްޑީޕީން ނިންމާ ނިންމުންތަކުގެ މައްޗަށް. އެކަމަކު، އެއްވެސް ހެއްކެއްނެތް ވާހަކަތަކާ މެދު ބަހުސް ކުރުން ގިނަވުމާއެކު އެމްޑީޕީގެ ތެރޭގައި އެކުގައި މަސައްކަތް ކުރުމުގެ ރޫހަށް މިއަދު ހުރަސް އެޅެމުން މިދަނީ،” އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ޓްވީޓް ކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި މިވަގުތު ކޯޅުމަކީ އެއްވެސް ވިސްނުމަކުން ބަލާއިރު ގައުމަށް ފައިދާހުރި ގޮތެއް ނޫނެވެ. ޝަރީފް ވިދާޅުވީ ވެރިކަމަށް އައުމުގެ ވާދަވެރިކަމުގައި ކޯޅުމަށް ވުރެ އެންމެން އެއްބައިވެ، ގައުމު އާރާސްތުކުރުން މުހިންމެވެ. ޑިމޮކްރަސީއަކީ ރައްޔިތުންނަށް ފައިދާވާން ޖެހޭ އެއްޗަކަށް އޭނާ ފާހަގަ ކުރައްވައި ވިދާޅުވީ، އެއީ ހަމައެކަނި ސިޔާސީ ކުޅިވަރު ކުޅުން ކަމަށް ބުނެވެން ނެތް ކަމަށެވެ.

ޝަރީފުގެ ނުކުތާ އަށް ބާރިލިބޭ އެހެން ނުކުތާއެއް ވެސް އަންނަނީ ފެންމަތިވަމުންނެވެ. އެއީ ނިޒާމު ކޮންމެ ގޮތަކަށް އޮތަސް މެންބަރުންގެ ބޮލަށް “ޗިޕް” ޖައްސަވައި ދައުރުގެ މެދުތެރެއިން ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ހުވަފެން ނަޝީދު އަންނަނީ ބައްލަވަމުންނެވެ. އެކަމަކު އެއީ ވުމަށް ވުރެ ނުވުން ގާތުގައި އޮތް ކަމެކެވެ. އަދި ގައުމު އިތުރަށް ހަލަބޮލިވުން ނޫން ކަމެއް އެކަމުން ނުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެހެނަސް، މުޅި ގައުމުގައި ނަޝީދުގެ މަގުބޫލުކަން އޮތްވަރަށް އަންދާޒާ ކުރާ އިރު، އިންތިހާބަކުން ގައުމުގެ ވެރިކަން ނަޝީދަށް ނުލިބޭނެކަން ހުދު އެ މަނިކުފާނަށް ވެސް ތަސައްވަރު ކުރެވެނީ ކަމަށް ވެދާނެ އެވެ.

ނަޝީދާއި ފައްޔާޒާ ދެމެދު ފެށިފައި މިވާ މައްސަލަގަނޑުން އުފަންވާ އުދާސްތައް ވެރިކަން ކުރާ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި ސަރުކާރުގެ އެކި ފަށަލަތަކަށް ވަދެގެން ދާނެ އެވެ. އެއާ އެކު، ސަރުކާރަށް ހިލުންގަނޑެއް އަންނާނެ އެވެ. އަދި އެ މަސައްކަތުގައި އިސްކޮށް ހުރީ ރައީސް ނަޝީދު ކަމަށް ވުމުން، އެ މައްސަލަ ގޮސް ނިމޭ ހިސާބަކުން އިތުރު މައްސަލަތަކެއްގެ ކުރި ފަޅައި ސަރުކާރަށް ބޮޑެތި ލޮޅުންތަކެއް އެރުން ވަރަށް ގާތެވެ. ނަޝީދާއި ފައްޔާޒާ ދެމެދު މި ހިނގަނީ އެންމެ މަތީ ޕޮލިޓިކްސް އެވެ. އެ މައްސަލަ ނިމޭ ގޮތަކުން ކޮންމެވެސް ބަޔަކު އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ އެވެ. އެއީ ސިޔާސީ މައިދާނުގައި ތިބި އެއްބަޔަކަށް ފޮނި އަދި އަނެއް ބަޔަކަށް ހިތި އެއްޗަކަށް ވާނެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ