ރާއްޖެއަށް މުދާ އެތެރެ ކުރި އަދަދު 35 ޕަސެންޓް ދަށަށް ހިނގައްޖެ

މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް އެތެރެ ކުރި މުދާ އިމްޕޯޓާއި ރާއްޖެއިން ބޭރަށް ގެންދިޔަ، އެކްސްޕޯޓުކުރި މުދަލުގެ އަގު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެ އެތެރެކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ އޮގަސްޓު މަހު މިއަދަދު ވަނީ 2.1 ބިލިއަނަށް ދަށްވެފަ އެވެ. އެއީ، 35 ޕަސެންޓްގެ ދަށްވުމެކެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓް ދަށްވުމުގެ ސަބަބުން ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ލިބުނު އާމްދަނީ މިއަހަރު 66 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓުމަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 297 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބުނީ 102 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ. ދެވަނަ އަށް އިންޑިއާ އަދި ތިންވަނައަށް ސިންގަޕޫރުންނެވެ.

ޗައިނާ އިން 429 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު އިންޑިއާއިން 293 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 254 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއެވެ.

ރާއްޖެއިން ބޭރުކުރި ނުވަތަ އެކްސްޕޯޓުކުރި މުދަލަށް ބަލާއިރު، މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވެސް ވަނީ، ދެ ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން، ނިމުނު އޮގަސްޓްމަހު 251 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 256 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނަ އަށް އިނގިރޭސިވިލާތަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ