މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީ ވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިއަދު ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިޓަލީ ވިލާތުން ޖުމްލަ 45،169 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 11.5 ޕަސެންޓެވެ. މީގެ ތެރޭގައި ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން އަދި ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން އައި ފަތުރުވެރިން ހިމެނެއެވެ.
ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އިންޑިއާ އިން 35،000 ފަތުރުވެރިން އައި އިރު މިއީ ޖުމްލަ ފަތުރުވެރިންގެ 8.9 ޕަސެންޓެވެ.
ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އެގައުމުން 33،939 ފަތުރުވެރިން އައި އިރު މިއީ ޖުމްލަ ފަތުރުވެރިންގެ 8.7 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުން 33،789 ފަތުރުވެރިން، ރަޝިއާ އިން 29،424 ފަތުރުވެރިން، ޖަރުމަނުން 28،678 ފަތުރުވެރިން، ފްރާންސް އިން 22،144 ފަތުރުވެރިން، އެމެރިކާ އިން 12،277 ފަތުރުވެރިން، ސްވިޒަލޭންޑުން 9،291 ފަތުރުވެރިން އަދި ޖަޕާނުން 8،324 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް 402،089 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 65.1 ޕަސެންޓް ދަށް އަދަދެކެވެ.
ކޮވިޑް19 ގެ ހާލަތުގައި ގިނަ ގައުމުތަކެެއްގެ ބޯޑަރު ބަންދުކޮށް އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު މިހާރު މަޑުމަޑުން ބޯޑަތުތައް ހުޅުވާ ދަތުރުތައް ވަނީ ފަށައިފައެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ އޮކިޔުޕެންސީ ރޭޓު ހުރީ 26 ޕަސެންޓުގައެވެ. ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް 23 ދުވަސް ހޭދަކުރާ ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.
މިވަގުތު ރާއްޖޭގައި 65 ރިސޯޓު އޮޕަރޭޓު ކުރާއިރު 76 ސަފާރީއަކުންވެސް ހިދުމަތް ދެއެވެ. މީގެ އިތުރުން ހަ ހޮޓެލް އަދި 17 ގެސްޓްހައުސް އަކުންވެސް ދަނީ ހިދުމަތް ދެމުންނެވެ.