އަދުރޭގެ ބަހުގެ ހަމަލާތަކެއް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަސައްކަތް ކުރައްވަނީ ރާއްޖެއަކީ އެ ގައުމުގެ އަވަށެއްގެ ގޮތުގައި ހެދުމަށް ކަމަށް ވިދާޅުވެ، އިންޑިއާގެ ސަރުކާރަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ “އިންޑިއާ އައުޓް” ގެ ޝިއާރެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މީސް މީޑިއާ ކެމްޕޭނެއް ހިންގަމުންނެވެ. “އަޅުވެތިކަމާ ދެކޮޅަށް” މާލެ މަގުމަތީގައި ރެލީއާއި ސައިކަލު ބުރެއް ވެސް ބޭއްވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ގުޅިގެން ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންޑިއާގެ އަވަށެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ކަމަށެވެ.

“އެއް ގޮތަކަށް ވެސް ހީފުޅުނުރައްކާވާށޭ އިންޑިއާގެ އަވަށްގަނޑަކަށް މި ތަން ހެދޭނެ ކަމަކަށް، މިއީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ތަރިކަ މުދަލެއް ނޫން،” މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު މޯދީ މަސައްކަތް ކުރައްވަމުން ގެންދެވީ އަބަދުވެސް އެ ބޭފުޅުން ބޭނުންވާ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ. އެއީ މުސްލިމުންނަށް އަނިޔާވެރި ހަރުކަށި ވެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“މޯދީއަކީ ކަނޑައެޅިގެން އިސްލާމް ދީނުގެ އަދުއްވެއް. އެ ވަރުގެ މީހެއްގެ ނުފޫޒުގެ ދަށަށް ދާކަށް ދިވެހިންނެއް ނޭދޭ،” އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލްރަހީމް ވާހަކަ ދައްކަވަނީ– ވަގުތު އިމޭޖަސް: އަހުމަދު އަލީ

އިންޑިއާއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކެމްޕޭނެެއް ފަށައިގެން އުޅެނީ އިންޑިއާގެ އެހީގައި ރާއްޖެ ތަރައްގީ ވަމުންދާ މަންޒަރު ފެންނާތީ ހިތްދަތިވެގެން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވުމުން އެ ވާހަކަތަކަށް ވެސް އަދުރޭ ރައްދު ދެއްވިއެވެ.

އަދުރޭ ވިދާޅުވީ، އިދިކޮޅު ކޯލިޝަން ކަންބޮޑުވަނީ ތަރައްގީގެ މަޝްރޫއުތައް ހިނގަމުން ނުދާތީ ކަމަށެވެ. އިގްތިސާދީ ހާލަތު ގޮސްވެ ރައްޔިތުންގެ މާލީ ހާލަތު ގޯސްވާތީ ކަމަށެވެ. އެ ހާލަތުގައި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދާން ރައްޔިތުން ބޭނުން ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުން ބޭނުމެއް ނޫން ދެވަނަ މަލިކަކަށް މި ތަން ވާކަށް. ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ ވޯރާ ވިޔަފާރިވެރިންގެ ޒަމާނު އަނބުރާ އަންނާކަށް، ދިވެހި ވިޔަފާރިތައް ފުނޑޭ ތަން ބަލާކަށް ބޭނުމެއް ނުވާނެ،” އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވާފައިވަނީ އިންޑިއާއާ ގުޅިގެން މި ސަރުކާރުން ކުރަން އުޅޭ މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ފުރުސަތު ނުދެއްވާނެ ކަން އެނގޭތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާގެ ސަރުކާރުން ހިތްހަމަނުޖެހި ދިޔަ އެންމެ ބޮޑު ސަބަބަކީ ވެސް މޯދީ ބޭނުންފުޅުވާ ގޮތަށް އިންޑިއާގެ އަވަށަކަށް ރާއްޖެ ހެދުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވުމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ