އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ހުންނެވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެ ކޮމިޓީން ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ. އެ ގޮތަށް ނިންމީ ދެންމެއަކު ބޭއްވި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެމްޑީޕީން ކުރި ޓްވީޓެއްގައި ވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމިޓީގެ މެންބަރު ކަމުން ޝުއައިބް އަލީ އެއް ފަރާތްކޮށްފައި ވަނީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ ޝުއައިބްގެ މައްސަލައެއް ކޮމިޓީން ބަލަން ނިންމުމުން ކަމަށެވެ.
އެއީ ކޮން މައްސަލައެއް ކަން އެމްޑީޕީން ހާމައެއް ނުކުރެއެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާޓޫން ކުރަހައިގެން ޓްވިޓާގައި ޝުއައިބް އަލީ އާންމުކުރި މައްސަލައެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މިއަދުގެ އެ ބައްދަލުވުމުގައި ތިއްބެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ރައީސް އޮފީހުގެ މިނިސްޓަރ ޑރ. މުސްތަފާ ލުތުފީއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބް ވަކިކުރަން ނިންމާފައި މިވަނީ، މަޖިލީހުގެ ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެ މަގާމުން ވަކިކޮށްދިނުމަށް ޝުއައިބް އެދިވަޑައިގެންފައިވަނިކޮށެވެ.
ނަޝީދަށް ފިޔަވަޅު އަޅައިދެން އެދިވަޑައިގެން ޝުއައިބް ސިޓީއެއް ފޮނުވީ ޗެއާޕާސަން ހަސަން ލަތީފަށެވެ. އެކަމަކު ނަޝީދަށް ފިޔަވަޅު އަޅަން ނެތް ކަމަށް ހަސަން ލަތީފް ވިދާޅުވެ ޝުއައިބަށް ޖަވާބު ދެއްވުމުން، ޗެއާޕާސަން ކަމުން ހަސަން ލަތީފް ވަކިކޮށްދޭން ޝުއައިބް ސިޓީއެއް ފޮނުއްވީ ރައީސް ސޯލިހަށެވެ.
ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދޭން ޝުއައިބް އެދިވަޑައިގަތީ ރައީސް ސޯލިހްގެ އެންމެ އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު މަގާމުން ވަކިކުރަން މަސައްކަތް ކުރައްވަމުންދާ މައްސަލާގައެވެ. ނަޝީދު އެ ގޮތަށް މަސައްކަތް ކުރައްވަނީ ސަރުކާރު ބަލިކަށި ކުރަން އަމިއްލަ ޒާތީ މަސްލަހަތެއްގައި ކަމަށް ޝުއައިބް ތުހުމަތު ކުރެއްވިއެވެ.
އެކަމަކު، ރައީސް ނަޝީދު ވަނީ އެ ތުހުމަތު ދޮގުކުރައްވައިފައެވެ. އެމްޑީޕީގެ “ހަބަރު ސިޓީ” ކޮލަމްގައި އެމަނިކުފާނު ލިޔުއްވި މަޒުމޫނުގައިވާ ގޮތުން ރާއްޖޭގައި ވެރިކަން ކުރައްވަން އެމަނިކުފާނު ދެން ބޭނުންފުޅެއް ނުވެއެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ އެމްޑީޕީން ހެޔޮ ވެރިކަމެއް ކުރުމަށާއި ރައީސަށް ދެވަނަ ދައުރެއް ކަށަވަރު ކުރަން ކަމަށް ލިޔުއްވާފައިވެއެވެ.
ވަޒީރު ކަމުން ފައްޔާޒު ދުރުކުރަން ނަޝީދު މަސައްކަތް ކުރައްވާއިރު، ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ރައީސް ސޯލިހް ވަނީ މީޑިއާ މެދުވެރިކޮށް ވިދާޅުވެފައެވެ. މީޑިއާ މެދުވެރިކޮށް ފައްޔާޒު ވެސް ދެއްވި މެސެޖަކީ މަގާމުން އަމިއްލަފުޅަށް ދުރުވެވަޑައިގަންނަވާނީ ރައީސް އެ ގޮތަށް އެންގެވުމުން ކަމަށެވެ.