ރައީސް ނަޝީދު ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ބަލަން ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި، މިހާރު މަސައްކަތް ނިމިފައިވާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޝްވަތުގެ ފައިސާގައި ހިފިކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފިއެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް މިމައްސަލަ ހުށަހެޅީ މިއަހަރުގެ ފެބްރުއަރީ 13 ގައެވެ. ނަމަވެސް މައްސަލަ ބަލަން ފެށިކަން މައްސަލަ ހުށަހެޅި ފަރާތައް އެންގީ މިއަދުއެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭންޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވިކަން ފާހަގަ ކޮށްފައި ވެއެވެ. އަދި މިހާރު ޓީއެމްއޭގެ ޤާނޫނީ ވަކީލަކީ ކުރިން ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި އުޅުއްވި މިހާރު ވެސް އެމަނިކުފާނުގެ އަރިސް ބޭފުޅޭއް ކަމަށްވާ ޖެރާޑް ޖެންސާކަން ވެސް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ 12 ފެބްރުއަރީ 2020 ގައި ރައްޔިތުންގެ މަޖްލީހުގެ އާ އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ޓީއެމްއޭގެ ބޯޑު މެމްބަރުންނާއި އެކު ރައީސް ނަޝީދު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމާއި، އެ ބައްދަލުވުމަށްފަހު ވެސް ޓީއެމްއޭ އަށް ޓާމިނަލް ދޭން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވި ކަމަށެވެ.

ޓީއެމްއޭއަށް އަށް ޓާމިނަލް ދިނުމަށް ކޮރަޕްޝަންގެ ކަޅު ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ބެލުމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން އޭސީސީގައި އެދިފައިވެއެވެ.

އޮޑިޓާ ޖެނެރަލް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ދިނުމުން ދެއަހަރު ދުވަސް ތެރޭގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަމައެކަނި އެތަނުގެ ކުލިން ދައުލަތައް ގެއްލޭނެއެވެ. އަދި ތަނުގައި އިސްތިހާރު ކުރުމާއި، ކޭޓަރިން ޚިދުމަތާއި އެހެނިގެން ޚިދުމަތްތައް ދީގެން ލިބޭނެ އާމްދަނީން ދައުލަތައް ގެއްލޭނެ މިންވަރު މިއަށްވުރެ އެތައް ގުނައެއް މަތިވާނެއެވެ.

ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުމަށެވެ.

ޓީއެމްއޭއަށް ޓާމިނަލްގެ ބޮޑު ސަރަހައްދެއް ދިނުމަށް ކުރިން އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅު ހެއްދެވި ނަމަވެސް ފަހުން ވަނީ އެބޭފުޅުންގެ ބަސްމަގު ބަދަލު ކުރައްވާފައެވެ. ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ވަނީ ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ފާސްކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ