ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދަށުން ހިންގާ އިންޖީނުގެތަކާއި އެތަންތަން ހިންގުމަށް ގާއިމުކުރެވިފައިވާ އެންމެހާ ވަސީލަތްތަކުގެ އެސެޓް ވެލުއޭޝަނެއް ހަދައިފިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދެވުނު އެ މަސައްކަތް ނިންމައި އެސެޓް ވެލުއޭޝަން ރިޕޯޓު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރިޕޯޓް ފެނަކައާ ހަވާލުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އެ ރިޕޯޓާއި ފެނަކައިން ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ރިޕޯޓަކީ އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހުރިހާ ހަރު މުދަލެއްގެ ހަމަ އަގުގެ ތަފްސިީލް ހިމެނޭ ފުރަތަމަ ރިޕޯޓް ކަމަށެވެ. އަދި ރިޕޯޓުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކަރަންޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަގުސަދުގައި، 2009 ވަނަ ސަރުކާރުން ޔުޓިލިޓީ ކުންފުނިތަކެއް އުފެއްދިއެވެ. އަދި ރާއްޖޭގެ ހަތް ސަރަހަށްދަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދޭންފެށިއެވެ.
އޭގެ ފަހުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުފައްދަވައި ޔުޓިލިޓީ ކުންފުނިތަކުން ދެމުން ގެންދިޔަ ހިދުމަތްތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ދެމުން ގެންދާ ހިދުމަތްތަކެއްގެ ގޮތަށް 2012 ވަނަ އަހަރު ބަދަލުކުރެވުނެވެ. އެހެން ނަމަވެސް ފެނަކައިގެ ދަށުގައިވާ ހަރުމުދަލުގެ ރަޖިސްޓްރީއެއް މިހާތަނަށްވެސް އޮތީ އެކުލަވާނުލައެވެ.