މާލެއަށް ވުރެ އަންހެނަކަށް ރިސޯޓްގައި މަސައްކަތް ކުރުން މާ ރައްކާތެރި: މައުސޫމް

ރާއްޖޭގެ ޓޫރިޒަމަކީ މުޅި ގައުމު އެ ސިނާއަތަކަށް ބިނާވެފައިވާ ދާއިރާ އެވެ. އެ ސިނާއަތަށް 50 އަހަރުވުމާ ގާތްވެފައިވާ އިރު، ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ހިއްސަ ވަރަށް ވެސް ކުޑަ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް “ސަން”އަށް ދެއްވި އިންޓަވިއުގައި ސިފަކުރެއްވި ގޮތުގައި ރަށު ޓޫރިޒަމާއެކު އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަކީ އަންހެނުން މަސައްކަތްކުރަން ކަމުދާ ދާއިރާއެއް ނޫން ކަމަށް ސިފަކުރެވެމުން ދިޔަ ދިޔުން ބަދަލުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ގޭގައި، އާއިލާ ކައިރީ ހުރެގެން ވަޒީފާ އަދާކުރެވޭނެ، އާމްދަނީ ހޯދޭނެ މަގު ވަނީ ފަހިވެފަ އެވެެ.

“[މި ދާއިރާގައި އަންހެނުންނަށް] މުސްތަގުބަލް ވަރަށް އުޖާލާ. އެއީ ޓޫރިޒަމް އެބަ އާދޭ ރައްޔިތުން ކައިރިއަށް. ރަށުގައި ހޮޓާ، ރެސްޓޯރެންޓުތައް ހުޅުވޭ. ޑައިވް ސެންޓަރުތައް އެބަ ގައިމްވޭ. ވޯޓާ ސްޕޯޓްސް ސެންޓަރުތައް ހަދާ އެބަ. މި ހުރިހާ ކަމަކާ އެކީ ގޭގައި އުޅެމުން މަސައްކަތް ކުރާނެ ފުރުސަތުތައް ލިބެމުން އެދަނީ. އެކަން ފެންނާނެ ރަށްރަށުން ވެސް. އަންހެނުން ވެސް އެކިކަހަލަ ވަޒީފާތަކުގައި މަސައްކަތް ކުރަމުން އެބަދޭ،” މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓްހައުސް ސިނާއަތާއެކު ގެސްޓްހައުސްތަކުގެ ރިސެޕްޝަނުންނާއި އެތަނަށް އަންނަ ފަތުރުވެރިންނަށް ކާންދޭ ބަދިގެ، ކެފޭ/ރެސްޓޯރެންޓު ތަކުން އަންހެނުންނަށް ފުރުސަތު ލިބިއްޖެއެ ވެ. އާއިލާ އާއެކު ވިޔަފާރިއެއް ފަށައި ގެސްޓްހައުސް ހިންގާނެ ފުރުސަތު ލިބިއްޖެ އެވެ. ޓޫރިޒަމް ދާއިރާ އިން ތައުލީމު ހާސިލްކޮށްގެން، އެކި ސަބަބުތަކާހުރެ އާއިލާ ދޫކޮށް ރިސޯޓަށް ނުދެވި ތިބި އެތައް އަންހެނުންނަކަށް ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ރަށުގައި ހުރެގެން ޓޫރިޒަމް ދާއިރާގެ މަސައްކަތް ކުރުމުގެ ގިނަ ފުރުސަތުތައް އަންހެނުންނަށް ހުރިއިރު، ރިސޯޓުތަކަށް ގޮސް މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން މިނިސްޓަރުވެސް ފާހަގަކުރެއްވި އެވެ. މިކަމުގައި ޒަމާނުއްސުރެ ހުރި ގަބޫލުކުރުންތަކުގެ އަސަރު އަދިވެސް ފިލައި ނުދާކަން ފާހަގަކުރެއްވި އެވެ.

“ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ފާހަގަކުރެވޭ ވަރަށްވުރެ މަދު” ކަން ފާހަގަކުރައްވާ އެކަން އެގޮތަށް ދިމާވަން މެދުވެރިވާ ބައެއް ސަބަބުތައްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

“އެއް ވިސްނުމަކީ، ރިސޯޓެއްގައި މި އުޅެނީ އެކި ގައުމުތަކުގެ މީހުން. ގިނައިން ފިރިހެނުން. ރިސޯޓަކަށްދާ އަންހެން ކުއްޖަކަށް ވަރަށް ބޮޑެތި ޗެލެންޖުތައް ދިމާވާނެ. އަސްލު އޭގެ ޒާތުގައި އަޅުގަނޑަށް ޔަގީން ކަށަވަރު ރިސޯޓެއް މާ ސޭފް ވާނެ މާލެ، ހުޅުމާލެ ވިލިނގިލި ނޫނީ އެހެން ބޮޑު ސިޓީއަކަށް ވުރެ އަންހެން ކުއްޖަކަށް. އެކަން އެހެން ދެނެގަންނަން އުނދަގޫވާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓުގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މީހުން ދިރިއުޅޭ ރަށްރަށާ ކައިރީގައި ރިސޯޓުތައް ގާއިމް ކުރުމެވެ.

“މީހުން އުޅޭ ރަށްރަށާ ކައިރީ ރިސޯޓުތައް ހުޅުވުނު ވަރަކަށް އެކަންކަން ފަހިވާނެ. ބައްލަވާ ކުރުނބާ، ބަނޑޮސް. މިތަންތަނުގައި ގިނަ އަދަދެއްގެ އަންހެން ކުދިން މަސައްކަތް ކުރާނެ. މަސައްކަތް ކޮށްފައި ރޭގަނޑު މާލެއަށް އަންނާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

އަންހެނުންގެ އަމިއްލަ މަސައްކަތުން ބާރުވެރިވަމުން އަންނަތަން ފެންނަމުންދާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

“އެންމެ ބޮޑު ގޮންޖެހުމަކަށް އަނެންހެން އަޅުގަނޑަށް ފާހަގަކުރެވެނީ ފެމެލީ ނޫނީ ފިރިމީހާ ނޫނީ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ސަޕޯޓު އެކަމަށް ދެވޭ މިންވަރު. [ރިސޯޓުގައި ވަޒީފާ އަދާކުރުމަށް] ފެމެލީ އިންނާ ފިރިމީހާ އެހެންނޫނީ ރައްޓެހިވެގެން އުޅޭ ފިިރހެން ކުއްޖާ ސަޕޯޓު ދޭނަމަ އެކަނތްައް ކުރިއަށްދާނެ. މަސައްކަތް ކުރެވޭ އެންވަޔަރަމެންޓް ގާއިމް ވެއްޖެއްޔާ އެކަންތައް ވާނެ،” މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަކީ ވަރަށް ހާއްސަ ކަންތައްތަކެއް އިންތިޒާމު ކޮށްދޭން ޖެހޭ ބަޔެއް ކަމަށާއި، ރިސޯޓުތަކުން އަންހެނުންނަށް އެކަންތައް ގާއިމްކޮށްދިނުމަށް ޓޫރިޒަމް މާސްޓާ ޕްލޭނުގައި ހިމަނުއްވާނެ ކަމަށެވެ.

“މިހާރުވެސް ބައެއް ރިސޯޓުތަކުގައި އަންހެނުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ގާއިމްކޮށްދީފައި އެބަހުރި،” މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. ހުރިހާ ރިސޯޓެއްގައި ވެސް އެފަދަ މާހައުލެއް ގައިމް ކޮށްދޭން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު މުސާރައިގެ ފަރަގު ގެންގުޅޭތަން ނުފެންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

“މުސްތަގުބަލުގައި އަޅުގަނޑު ދެކެން ބޭނުންވާ އެއް ކަންތައް ވީހާވެސް ގިނަ އަންހެނުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުން،” މިނިސްޓަރު ވިދާޅުވި އެވެ

މިއީ އަންހެނުންނަށް ފަހި އިންޑަސްޓްރީ އެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރޫމް ބޯއިންނާއެކު ޗެމްބާ މެއިޑުންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިން ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ