ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ފުރަތަމަ ދަތުރު ފަށައިފި

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ބާއްވާ ކާގޯ ފެރީ ދަތުރުތައް މިއަދު ފަށާނެ ކަމަށް ޓްރޯންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ އައުމަށްޓަކައި ކާގޯ ފެރީ މިއަދު އިންޑިއާގެ ސޫތުކުޅިން ފުރާނެ އެވެ. ކާގޯ ފެރީ “އެމްސީޕީ ލިންޒް 47” ރާއްޖެ އަންނާނީ ކޮޗިންގައި ޓްރާންސިޓް ކުރުމަށްފަހު އެވެ.

އެ އުޅަނދު ކޮޗިން އިން ފުރާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ރާއްޖެ އަންނާނީ 26 ވަނަ ދުވަހު އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބުނީ ދަތުރުތައް ފަށާއިރު މަހަކު ދެ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ކާގޯ ފެރީގެ ދެވަނަ ދަތުރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހަށެވެ. ދެވަނަ ދަތުރުގައި “އެމްސީޕީ ލިންޒް 48” އުޅަނދު ރާއްޖެ އަންނާނީ އޮކްޓޫބަރު ހަތް ވަނަ ދުވަހު އެވެ.

ކުޅުދުއްފުއްޓައި މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މިވަގުތަށް ނިންމާފައި ވަނީ ހަމައެކަނި ކާގޯ ފެރީ އޮޕަރޭޓް ކުރުމަށެވެ. މިނިސްޓްރީން ބުނެފައި ވަނީ ފެރީ ދަތުރުގައި ބޭނުންކުރާ ބޯޓަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށް ވުރެ ބޮޑު ބޯޓަކަށް ވާތީ ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށް ކަމަށެވެ.

ކުޅުދުއްފުށީ ބަނދަރުން މުދާ ބޭލުމަށްފަހު އެ ފެރީ މާލެއަށްވެސް ބަނދަރު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ދަތުރުތަކެއް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ