މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) އާއި ވަޒީފާގެ ޑިއުޓީ ނިންމާފައި އަނބުރާ ރަށަށް ދިއުމުގެ ހައްގު ލިބިދިނުމުގެ އިސްލާހު ފަދަ ބޮޑެތި އިސްލާހުތައް ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ވަޒީފާގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން ދިރާސާކޮށް، އެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހުށަހެޅުއްވި އިސްލާހުތަކަކާއެކު 55 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވާފައިވާ އެ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.
ނުވަ ސިނާއަތަކަށް މިނިމަމް ވޭޖް ކަނޑައެޅުން
ދެހާސް އެކާވީސް ވަނަ އަހަރު ނިމުމުގެ ކުރިން ނުވަ ސިނާއަތަކަށް މިނިމަމް ވޭޖް ކަނޑައެޅުން ލާޒިމުވާނެ ހެން ވަޒީފާގެ ގާނޫނުގައި ބަޔާން ކުރާ ގޮތަށް އިސްލާހު ގެނެސްފައިވެއެވެ.
އެ ނުވަ ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި، ޓޫރިޒަމް ސިނާއަތާއި، ކޮންސްޓްރަކްޝަން ސިނާއަތާއި، ދަތުރުފަތުރުގެ ސިނާއަތާއި، ސިއްހީ ހިދުމަތުގެ ދާއިރާއި، ތައުލީމީ ހިދުމަތުގެ ދާއިރާއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އާއި މެރިޓައިމް ޝިޕިންގެ ސިނާއަތަވެ.
މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ބިލްގައި ލާޒިމު ކޮށްފައެއް ނުވެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިސްޓްރީގައި އެ ކަމަށް ލަފާ ދޭނެ ބޯޑެއް އެކުލަވާލަން ވެސް ބިލްގައިވެއެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރު ނެރެން ޖެހޭ މިނިމަމް ވޭޖްގެ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރަން ވާނެ ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދޭން އެކުލަވާލާ ބޯޑުގައި 11 މެންބަރުން ތިބެން ޖެހެއެވެ. ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި އިންނަވަނީ، އިކޮނޮމިކް މިިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އަދި އެ ބޯޑުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ވެސް އިންނަވާނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ސިނާއަތް ތަމްސީލު ކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުން ހިމެނެން ޖެހެއެވެ. އަދި މަސައްކަތްރީންގެ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެންބަރަކު ހިމެނެއެވެ.
މިނިމަމް ވޭޖަށް ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މިނިސްޓަރު މުރާޖައާ ކުރައްވަން ޖެހޭނެއެވެ. އަދި މިނިމަމް ވޭޖްގެ އަދަދު ރިވިއު ކުރަން ބޯޑަށް ފެންނަނަމަ މިނިސްޓަރަށް ލަފާ ދެވޭނެއެވެ. އަދި ގައުމަށް ދިމާވާ މައްސަލައަކާ ގުޅިގެން ދެ އަހަރު ނުވަނީސް ވެސް މިނިސްޓަރަށް އެ އަދަދު ރިވިއު ކުރެވޭނެއެވެ.
ފަސް އަހަރު ފަހުން އިސް ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލްގައިވާ ގޮތުން 50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކާއި ތަންތަނުގެ ސީނިއާ މެނޭޖްމަންޓްގެ އެންމެ އިސްވެރިޔަކަށް ދިވެއްސަކު ހުންނަން ޖެހެއެވެ. އަދި ސީނިއާ މެނޭޖްމަންޓްގެ 60 ޕަސެންޓް ހާއްސަ ކުރަން ޖެހޭނީ ދިވެހިންނަށެވެ.
އެކަމަކު ގާނޫނުގެ އެ މާއްދާއަށް އަމަލު ކުރާނީ ގާނޫނު ތަސްދީގުކޮށް އަމަލު ކުރާތާ ފަސް އަހަރުގެ މުއްދަތެއް ހަމަމުންނެވެ. މިއަދު ގާނޫނު ތަސްދީގުކުރިއިރު، އެ މާއްދާއަސް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ފަސް އަހަރުގެ މުއްދަތެއް ހަމަވާ ތާރީހަށެވެ.
ޑިއުޓީ ނިންމާފައި ރަށަށް ދިއުމުގެ ހައްގު
ވަޒީފާގެ ގާނޫނަށް ގެނައި މި އިސްލާހުގައި ވަނީ ވަޒީފާ އަދާކޮށް ނިމި ވަޒީފާ އަދާ ކުރާ ތަނުން ދިއުމަށާއި އަނބުރާ ވަޒީފާއަށް އައުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެ ތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭނެ ކަމަށެވެ.
އުޅަނދެއް ބޭނުންވާނަމަ ވަޒީފާ ދީފައިވާ ފަރާތުން އެ ކަމެއް މުވައްޒަފަށް ހަމައްޖައްސައިދީ އެއްބާރުލުން ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. ވަޒީފާ ގަޑި ނިމުމުން ވަޒީފާ އަދާ ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ލިބިގެންވާ ކަމަށް އެ މާއްދާގައި ބުނެއެވެ.
އެކަމަކު، ވަޒީފާ އަދާ ކުރާ ތަނާއި ދުރު ރަށްރަށުގެ މީހުން އަމަލު ކުރާނެ ގޮތަކާއި ދަތުރުފަތުރު ކަންކަން ހަމަޖެއްސުމުގެ ބައި ތަފުސީލު ވެފައި ނެތުމުން ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ.