މެޑިކަލް ސެޓްފިކެޓު ނެތި ދެން ސަލާމް ބުނެވޭނީ 15 ދުވަހަށް ކަމަށް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ވަޒީފާގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިއަދު އެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާައިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.
އެ އިސްލާހުގައި ސަލާމުގު ސެޓްފިކެޓު ނެތި ދެން ސަލާމް ބުނެވޭނީ 15 ދުވަހަށް ކަމަށް ކަނޑައަޅާފައި ވެއެވެ.
ވަޒީފާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން މެޑިކަލް ސެޓްފިކެޓް ފަދަ ޑޮކްޓަރުންގެ ލިޔެކިއުން ނެތި ސަލާމުގެ ޗުއްޓީ ނެގޭ ދިގު މުއްދަތަކީ އަހަރަކު 30 ދުވަހެވެ. ލިޔެކިއުން ނެތި ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތެއް ލާޒިމެއް ވެސް ނޫނެވެ.
މަޖިލީހުން ވަނީ އެ މުއްދަތު 15 ދުވަހަށް ކުޑަ ކުރާ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. ބިލް ތަސްދީގުކޮށް ގާނޫނަކަށްވުމުން ދެން ސަލާމް ބުނެވޭނީ އަހަރަކު 15 ދުވަހަށެވެ. އަދި ވިދިވިދިގެން ދެ ދުވަހު ސަލާން ބުނާނަމަ ޑޮކްޓަރުގެ ލިޔުން ހޯދަން ޖެހޭ ގޮތަށް ހެދޭނެއެވެ.
އެންމެ ފުރަތަމަ މަޖިލީހަށް ބިލު ގެނައި އިރު ޑޮކްޓަރުގެ ލިޔެކިޔުން ނެތި އެންމެ ދުވަހަކު ވެސް ވަޒީފާއަށް ސަލާން ނުބުނެވޭ ގޮޮތަށް އޮތެވެ. އެކަމަކު އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން 15 ދުވަހު ދެވޭ ގޮތަށް ބިލް ބަދަލު ކުރީއެވެ.