ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާ އިން މީހުން ބިނާކުރުން – ނަހުލާ

ދިވެހި ރާއްޖޭގެ ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން މީހުން ބިނާ ކުރުން ކަމަށާއި އަދި މިހާރު މަސައްކަތް ކުރާ ސީމަނުންނަށް އިތުރު ތަމްރީނު ދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރާ މެރިޓައިމް ދުވަހާ ގުޅިގެން ފޮނުއްވި ހިތޯބުގައެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ވެސް ރާއްޖެއިން ޝިޕިން ކުންފުންޏެއް އުފައްދާފައިވާ ކަމަށާއި މިއީ ރާއްޖޭގެ މެރިޓައިމް ދައިރާގެ ހިޔުމަން ކެޕޭސިޓީ ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ “ސަސްޓެއިނަބަލް ޝިޕިންގް ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް” ނުވަތަ “ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް” މިއެވެ.

މި ހިތާބުގައި މިނިސްޓަރ ވަނީ ކޮވިޑު-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެރިޓައިމް ދާއިރާ އަށް ކުރާ އަސަރު ބޮޑުކަމަށާއި ގައުމުތަކަށް އެތެރެވުމުގައި ދަތިތައް އެބަހުރިކަން ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަށް އިޝަރާތް ކުރައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކުގެ އަޑު އިއްވަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ގްރީންހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު މަދުކުރުމަށް ޓަކައި ހަދަން ޖެހޭ ގަވައިދުތައް ހަދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެރިޓައިމް ދާއިރާގައި ބޭނުންކުރާ ތެލުގައި ހިމެނޭ ސަލްފާ ކޮންޓެންޓް މަދު ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވަނީ އިންޓަނޭޝަނަލް މެރިޓައިމް ލޭބާ ކޮންވެންޝަން ނުވަތަ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ބެހޭ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ