މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސް، ގެޒެޓުކުރަން ވާނީ ފޮނުވާފައި: އަމީރު

ކޮރަޕްޝަނަށް ހުރި ހިރާސް ކުޑަކުރުމަށް، މާލިއްޔަތު ގަވާއިދަށް އަނެއްކާވެސް އިސްލާހު ގެނެސް، ގެޒެޓުކުރަން ފޮނުވާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން މާލިޔަތު ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

އެގޮތުން ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާ އާއި ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ ޖުލައި މަހު ބަދަލުކޮށް، ގެޒެޓުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރުވަނީ ގަވާއިދު އިސްލާހުކޮށްފައިވާ ގޮތާއި، އަލުން އިސްލާހުކޮށް ގެޒެޓުކުރަން ފޮނުވިގޮތް ވެސް ހިއްސާކުރައްވައިފައެވެ.

މާލިއްޔަތު ގަވާއިދުގެ 10:27 ވަނަ މާއްދާ އިސްލާހުކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ބިޑު ކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރެވިދާނެ ކަމަށެވެ.

އެގޮތުން މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި މަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ އެ މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ލަފާގެ މަތިން ނެޝަނަލް ޓެންޑަ ބޯޑުން ހުއްދަ ހޯދައިގެން ކަމަށެވެ.

މިނިސްޓަރުި ވިދާޅުވީ ފިނޭންސް މިނިސްޓްރީން އިސްނަގައިގެން އެޓާނީ ޖެނެރަލް، އޮޑިޓާ ޖެނެރަލް، އަދި އޭސީސީ ވެސް ހިމެނޭގޮތަށް ކޮމިޓީއެއް ހަދައި އެ ކޮމެޓީގެ އެންޑޯސްމަންޓާ އެއްކޮށް މިހާރު އެ މާއްދާ ބަދަލުކޮށް ގެޒެޓުކުރަން ފޮނުވާފައިވާ ކަމަށެވެ.

އެ މާއްދާ އިސްލާހުކޮށް ގެޒެޓުކުރަން ފޮނުވާފައި ވާގޮތް:

10:27 (ހ): މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ބިޑުކުރުމަކާ ނުލާ ކަމެއް ކުރެވޭނީ ތިރީގައިވާ އުސޫލުންނެވެ.

1. ދައުލަތުން ކުރިއާލާ ރާވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެ އެވެ.

2. މި މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާން ވާނީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.

3. މި މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.

4. މި މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް މި ގަވާއިދުގެ 10.09 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ހޯދައިގެން އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަންވާނެއެވެ.

5. މި މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު ފަރާތެއްކަން ކަށަވަރުކުރަންވާނެ އެވެ.

6. މި މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ އިތުރު ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ގެންދެވޭނެ މަސައްކަތެއް ނޫން ކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެ އެވެ.

7. މި މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅާ މިނިސްޓަރުގެ ލަފާގެ މަތިން، މި ގަވާއިދުގެ 10:09ގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ