މައުލޫމާތު ފޯރުކޮށްދިނުމަކީ އިދާރާތަކަށް އޮތް އިޚުތިޔާރެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަަމަށް ރައީސް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހް ދެއްވި ހިތާބުގައި، އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، ހިއްސާނުކޮށް ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައިވާ ކަމެއް ނޫން ކަމަށެވެ.
މައުލޫމާތު ހޯދުމުގެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސަދަކީ ވެސް، އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭ ކަން ކަށަވަރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެ ހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެ ހޭކަން ރައީސް ވިދާޅުވިއެެވެ.
މައުލޫމާތު ފޯރުކޮށްދިނުމަށް މުއައްސަސާތަކުން، ހާމަކަން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.
“މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް، 29 ވަނަ މާއްދާގައި ބުނެފައިވާ އިރު، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، އާންމުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތައް ހާމަ ކުރުމަކީ، ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހޭ،” އެ ހިތާބުގައި ރައީސް ވިދާޅުވިއެވެ.
މީގެއިތުުރުން، “ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް އާންމުކޮށް ޝާއިއުކުރުމާއި ފެތުރުމަކީ އާންމުންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށާއި އެ ހައްގު ކަށަވަރުވެގެންދާނީ، މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދީގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އާންމުން ޚިޔާލު ފާޅުކުރުމަކީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ޚިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
” މައުލޫމާތު ހާމަ ކުރުމަށް އިސްކަން ދޭ ވަރަކުން، އެ ބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، އަސާސީ ހައްގުތަކެއް ކަމަށް، ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް، ގާނޫނުއަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ، އެ ހައްގުތައް ރައްޔިތުންނަށް ލިބިގެން.” އެ ހިތާބުގައިވެއެވެ.
ރައީސްގެ ހިތާބުގައި، ސަރުކާރުގެ ސިޔާސަތަކީ ވެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށް ވެސް ވިދާޅުވިއެވެ.
އަދި އުންމީދަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގުތައް، އޭގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ލިބި ދިނުމަށް، ސަރުކާރުން ކުރާ މަސައްކަތް، ކާމިޔާބުވުން ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.